ޚަބަރު

ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި


ދިވެހިރާއްޖޭގެ މިނިވަންކަމުގެ 52 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ގަލޮޅު ރަސްމީދަނޑުގައި ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް ބާއްވަވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ޕްރޮގްރާމްތަކެކެވެ. މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުން އޮތެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އެއަށްފަހު، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން، ރާއްޖޭގެ ބައެއް ފަންނާނުން ޚާއްޞަ ލަވައެއް ހުށަހަޅައިދިނެވެ. މިހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ މާފަންނު މަދުރަސާއާއި، ކަލާފާނު ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ތާޖުއްދީން ސްކޫލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.