ޚަބަރު

ޕާކިސްތާނުން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކޮށްދެއްވަނީ


ދިވެހިރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކޮށްދެއްވާނެކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުވަތަކަށް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގައި ޞިއްޙީ ދާއިރާއާއި، އިންޖިނިއަރިންގއާއި، ފާމަސީ އަދި ޑެންޓިސްޓްރީ ހިމެނޭގޮތަށް މަތީ ތަޢުލީމް ހާސިލްކުރުމަށް ދަރިވަރުންނަށް އިތުރު ސްކޮލަރޝިޕް ފުރުޞަތު ފަހިކޮށްދޭން އެޤައުމުގެ ސަރުކާރުން ނިންމާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބުކަމުގައި ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ތަފާތު ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމުގައިވެސް ވިދާޅުވިއެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދު ކުރައްވާ ކަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15010475062221.jpg|ރައީސް ޔާމީން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް / ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޖޮއިންޓް ބިޒްނަސް ކައުންސިލަކާއި، ޖޮއިންޓް ވަރކިންގ ގްރޫޕް އޮން ޓްރޭޑް އެކުލަވާލުމަށް އެއްބަސްވެވަޑައިގެންފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދެވޭނެ އެއްބަސްވުންތަކެއްކަމުގައި ވިދާޅުވިއެވެ.