މުޖްތަމަޢުގައި ހަވާސާކުރެވިފައިވާ ފަރާތްތަކަށް ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހިދު ހަސަން މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް، ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކު ޝުކުރު އަދާކުރެއްވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަޙީދު ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ރައީސް ޔާމީނުގެ ސަރުކާރުން ވަރަށް ފުރިހަމައަށް ހައްލުކޮށްދެއްވި ކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަންއަށް ބިމެއް ހަމަޖައްސައިދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެބިމުގައި، އިމާރާތް ކުރުމަށްފަހު ބިމުގައި އިތުރު ޖާގައެއް ނެތުމުގެ ސަބަބުން އެކަން ރައީސް ޔާމީން އަށް ހުށަހެޅުއްވުމުން ރައީސް ޔާމީންގެ ދީލަތި އެހީފުޅާއެކު، އެ ސެންޓަރަށް ބިން އިތުރުކޮށްދެއްވައި، އެތަނުގައި ކުދިންނަށް ކުޅެވޭނެ ގޮތް ފަހިކޮށްދެއްވިކަމަށެވެ. ރައީސް ވަހީދުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ގެންދަވަނީ މިފަދަ މުޖްތަމައުއަށް ބޭނުންހުރި ގިނަ ކަންތައްތަކެއް ކޮށްދެއްވަމުންނެވެ. އެގޮތުން ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސަވައިދެއްވުމާއި، މުޖްތަމައުގައި ހަވާސާކުރެވިފައި ތިބި މީހުންނަށް ފަހި މަގެއް ހޯއްދަވައިދެއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.