ޚަބަރު

ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިއްޖެ


މިއަހަރުގެ 2 ވަނަ ކުއާޓަރުގެ މާލީ ބަޔާނާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު، އެ ބޭންކަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ 2016 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 17 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްއިން ބުނީ، ނިމިގެންދިޔަ ދެވަނަ ކުއާޓަރުގައި ބޭންކް ހިންގުމަށް ބޮޑު ޚަރަދެއް ކުރަމުން އަދި އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދިއުމާއެކުވެސް، މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. މިގޮތުން ލޯނު ދޫކުރެވުނު ނިސްބަތް ހަރުދަނާ މިންވަރެއްގައި ދެމެހެއްޓެމުންދާއިރު ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާކަމަށް ބިއެމްއެލްއިން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ބީއެމްއެލްގެ ވިޔަފާރީގެ އުސްއަލިތަކަށް ބަލާއިރު، އެ ބޭންކުން ވަނީ، އަލަށް 3 ބްރާންޗެއް ހުޅުވައި، 11 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ޤާއިމްކޮށްފައެވެ. އަދި މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމްޢިއްޔާއަކާ ގުޅިގެން މަޝްރޫޢު ހިންގައި ފައިސާގެ އެހީތެރިކަން ވަނީ ދީފައެވެ.

ބީއެމްއެލްއިން ވަނީ، މިއަހަރުގެ ތެރޭގައި މަދުވެގެން 22 ރަށެއްގައި 300 ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ނިންމާފައެވެ. މި ޕްރޮގްރާމްގެ ތެރެއިން 150 އަށްވުރެ ގިނަ އައު ވަޒީފާ އުފެދިގެން ދާނޭކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ފައިދާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ބީއެމްއެލްއަށް ލިބުނު ފައިދާއާމެދު ހިތްހަމަ ޖެހޭކަމަށެވެ. ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދިފައި ވަނީ، ބޭންކްގެ ޕްރޮޑަކްޓްތަކަށް އަދި ޚިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުޙީބުގެ ސަބަބުންކަމަށް ހީލީ ފާހަގަކުރެއްވިއެވެ. ބީއެމްއެލްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަމުންދާއިރު، އެ ބޭންކުން ވަނީ މިހާތަނަށް 20 އަތޮޅުގައި 34 ބްރާންޗް، 86 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 200 ކޭޝް އޭޖެންޓުން، 28 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 5 ދޯނި ބޭންކިންގ ޔުނިޓް ޤާއިމްކޮށްފައެވެ.