ރިޕޯޓް

އިންވެސްޓްމަންޓްތައް ހުއްޓުވުމުން ގެއްލުންވާނީ ކޮންބަޔަކަށް؟


ރާއްޖޭގައި ހިނގާ އިންވެސްޓްމަންޓްތައް ހުއްޓުވައި، ޤައުމުގެ އިޤްތިޞާދު އެކަމަކަށް ބިނާވެފައިވާ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލައި ރާއްޖެއިން ބޭރުގައި އިދިކޮޅު ބައެއް ސިޔާސީފަރާތްތަކުން ކުރާ މަސައްކަތަކީ، ދިވެހިންނަށް އާކަމެއްނޫނެވެ. 

އަމިއްލަ ސިޔާސީ މަސްލަޙަތުތައް ޙިމާޔަތްކޮށް ޒާތީ މަޤުސަދުތަކެއް ޙާޞިލުކުރުމަށްޓަކައި ދިވެހި ޤައުމު ބޭރު ދުނިޔޭގައި ބަދުނާމުކޮށް، ދިވެހިންގެ ފަޚުރުވެރި ރީތިނަން ކިލަނބުކޮށްލުމުގެ މަސައްކަތް ދިވެހިންގެބަޔަކު ކުރަމުންދާކަމީ ޤައުމުގެ އިޤްތިޞާދަށާއި، ތަރައްޤީއަށް ހުރި ގޮންޖެހުމެއްކަމުގައި ދަންނަވަންޖެހެއެވެ. 

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ރީތިނަމާއި ޝަރަފް ލިބިފައިވާ ފަޚުރުވެރި ޤައުމެކެވެ. ސުލްޙަވެރިކަމާއި، އެއްބައިވަންތަކަމާއި، އަމާންކަމަށް މަޝްހޫރު ޤައުމެއްގެ ގޮތުގައި ބޭރުމީހުން ވަނީ މިޤައުމު ބަލައިގެންފައެވެ. މިގޮތުގައި އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ސާބިތުކަމާއެކު ދިވެހިން ދެމިތިބޭތާވެސް މިހާރު މިވަނީ އަސްސަތޭކަ އެތައް އަހަރެއްވެފައެވެ. 

އެހެންނަމަވެސް ހިތާމައާއެކު ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ އަބަދުވެސް ދިވެހިރާއްޖޭގެ ވެރިކަމާއި ތޮޅެ ދިވެހިންގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާ ޚާއިނުން ދިވެހިންގެގޮތުގައި މިފަސްގަނޑުގައި އުޅެމުންދާކަމެވެ. ފުށެތިކާލުންގެ އަޅުވެތިކަމަށް ރާއްޖެ ގެންދިޔަ ނުވަވަނަ ޙަސަން ރަސްގެފާނުކަމަށް ވިޔަސް، ހޮޅިންގެ އަނިޔާވެރިކަން މިބިމަށްފާކުރި މުޙްޔިއްދީނާއި ޝަމްސުއްދީނުކަމަށްވިޔަސް ސްރީލަންކާގެ ޓެރަރިސްޓް ޕްލޮޓްގެ ބަޔަކު ގެނެސް ދިވެހިން ކަތިލި، ބާޣީން ކަމަށްވިޔަސް މިއީ ތާރިޚު ދެކެފައިވާ ހަޤީގަތެއްކަން މިއަދުވެސް ދަންނަން ޖެހެއެވެ.

ސިޔާސީ ލިޑަރުންގެ ނަމުގައި ނުވަތަ ކޮންމެވެސް އެހެން ނަމެއްގައި މިއަދުވެސް މިފަދަ މީސްމީހުން މިޤައުމުގެ މިނިވަންކަން ނަގާލުމުގެ ދަހިވެތިކަމުގައި ތިބިކަމީ ވިސްނަންޖެހޭކަމެކެވެ.

ޤައުމުގެ އިޤްތިސާދާއި، ދިވެހިންގެ އުފާފާގަތިކަން ނަގާލަން، ސިޔާސީ ބައެއްގެ ނަމުގައި މިއަދު ބަޔަކު ކުރަމުންދާ ކަންކަމަކީ އެކަމަށް ދިވެހިން ހޭލައިތިބެންޖެހޭކަމެކެވެ. އެމީހުން ބޭރު ޤައުމުތަކުގައި ރާއްޖެއާގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާއިރު، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ކުރަމުންދާކަމީ ހަޤީގަތެކެވެ. ސަރުކާރުން ތަކުރަރުކޮށް ގެންދަނީ އެކަންހާމަކުރަމުންނެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާއްޖޭންބޭރުގައި ދައްކަމުންދާ ވާހަކަތަކުގެ ތެރެއިން އެންމެ ގެއްލުން ހުރި ވާހަކައަކީ ޓޫރިސްޓުންނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތްކަމަށާއި، އިންވެސްޓަރުންނަށް ފުރުޞަތު ނެތްކަމަށް ބުނެ ޙަޤީޤަތެއްނެތް މައުލޫމާތު ބައިނަލްއަޤްވާމީ ދުނިޔޭގައި ފެތުރުމެވެ. 

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާއިތުވި ތިންއަހަރެއްހާ ދުވަހުގެ ތެރޭގައި ، ފެނިގެންމިދަނީ، ރާއްޖެ އިޤްތިޞާދީގޮތުންނާއި ޢުމްރާނީ ގޮތުން އާއުސްމިންތަކަކަށް އަރަމުންކަމެވެ. މިސަރުކާރުންއެޅި އެކިއެކި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާކަމާއި، ފަތުރުވެރިކަމާއި، ގެދުރުވެރިކަމާއި އިޤްތިޞާދު ފުޅާވެފައިވާކަމީ ބޭރުގެ މާލީ އިދާރާތަކުންވެސް މިއަދު ފާހަގަކުރާކަމެކެވެ. 

img:http://s2.psmnews.mv/images/660x400/14964828951675.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި އިޤްތިޞާދީ އާ ޙަރަކާތްތަކެއް ފެށި، ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ވަނީ ފަހިވެފައެވެ. ރާއްޖެ މިހާތަނަށް ދެކެފައި ނުވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކާއި، އިޤްތޞާދީ ހަރަކާތްތަކާއި، އިންވެސްޓަމަންޓުތައް އަންނަނީ ހިންގަމުންނެވެ. 

މިހަޤީގަތް އޮޅުވާލުމަށް ދޮގުވާހަކަދައްކައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލައި ރާއްޖޭގެ ޤާނޫނީ ވެރިކަން ބަލިކަށިވެފައިވާކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އަސަރު ފަތުރުވެރިކަމާއި ޤައުމުގެ އިޤްތިޞާދަށް ކުރުމުން އޭގެ ދެރައާއި ނިކަމެތިކަން ލިބޭނީ ސަރުކާރަށްނޫންކަން ޤަބޫލުކުރަންޖެހެއެވެ. މިކަމުގެ ދެރައާއި ނިކަމެތިކަން މިއަދުވެސް މާދަމާވެސް ކުރާނީ ދިވެހިރައްޔިތުންނާއި، މި ލޮބުވެތި ޤައުމަށްކަން މިއީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. 

މިޤައުމުގެ އިޤްތިޞާދު ފަނާކޮށްފައި ފަތުރުވެރިކަން ނިކަމެތިކޮށްފައި، އިދިކޮޅު ސިޔާސީ ލީޑަރުން ވެރިކަންކުރަން އެއުޅުއްވަނީ ހަމަ މިޤައުމުގައިތޯ މިއީވެސް ކޮށްލަން ރަނގަޅު ސުވާލެކެވެ. 

img:http://s2.psmnews.mv/images/660x400/15008682172819.jpg|ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް މާލެއަތޮޅު އެނބޫދޫފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -

އިންޑިއާގެ ނޫހެއްކަމަށްވާ ދި އިންޑިއަން އެކްސްޕްރެސްއަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި އިންޓަވިއުއެއްގައި، އިދިކޮޅު ވެރިކަމެއް އައިސްފިނަމަ ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ އިންވެސްޓްމަންޓްތައް ހުއްޓާލާނެކަމަށް ވަނީ ވިދާޅުވެފައެވެ، އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން ގޯސްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައިވެސް ވެއެވެ. 

img:http://s3.psmnews.mv/images/660x400/14823119782131.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު- ފޮޓޯ: އެޗްޑީސީ

މި ވާހަކަތަކަށް ރައްދު ދެއްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގައި ކުރިއަށްދާ އިންވެސްޓްމަންޓްތައް ހުއްޓުމަކަށް ގެނައުމަށް ހިތްވަރުދޭ ގޮތަށް ގޮވާލާ، ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވުމަކީ، ރައީސް ނަޝީދު އިސްކުރައްވާ، ވަރަށް ދުވަސްވީ ނާތަހުޒީބު ސިފައެކަމަށެވެ. އެކަން ދުނިޔެވެސް ދަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ދިވެހި ސަރުކާރުގެ އިންވެސްޓްމަންޓް ސިޔާސަތަކީ މިނިވަން، އަދި ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތީން ތަންފީޒުކުރާ ސިޔާސަތުތަކަކަށްވީއިރު، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ނިޒާމްތަކެއް ރާއްޖޭގައި ވަނީ އެކަށައަޅާފައެވެ. 

img:http://s4.psmnews.mv/images/660x400/14972610269149.jpg|އައިޖީއެމްއެޗް ޑައިގްނޯސްޓިކް ސެންޓަރ ޢިމާރާތުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

ރައީސް ޔާމީން ވިދާޅުވެފައިވަނީ ބަޔަކު ބޭރުގައުމެއްގެ ޙިމާޔަތް ހޯދައިގެން ތިއްބަސް ދިވެހި ރައްޔިތުން، ދިރިއުޅެން ބޭނުންވާކަމަށާ އެހެންކަމުން ރާއްޖެ ބަދުނާމު ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ރާއްޖެ ނިކަމެތި ކުރަން ވާހަކަދައްކާ ބޭފުޅުން މިހާރު ބޭރުގައުމުތަކުގައި ޙިމާޔަތް ހޯދައިގެންތިބެ ދިވެހި ޤައުމު ބަދުނާމު ކުރުމުގެ ހިތިނަތީޖާ ލިބޭނީ ރައްޔިތުންނަށްކަން ރައީސްގެންދަވަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ. މިއީ ދިވެހިރައްޔިތުން ނިސްނާލަންޖެހޭ ކަމެކެވެ.