ޚަބަރު

ފުލުހުންނަށް ހަމަލާދޭ ފަރާތްތަކަށް ހަރުކަށި އަދަބުދޭން ގޮވާލައިފި


ފުލުހަކު މިދުނިޔެ ދޫކުރަންޖެހުމަކީ އިންސާނީ އަގުހުރި ފުރާއެއް ގެލިގެން ދިޔުން ކަމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފާރާތްތަކަށް ހަރުކަށި އަދަބުދިނުމަށް ކޮމިޝަނަރ އޮޕް ޕޮލިސް އަޙްމަދު ޢަރީފް ގޮވާލައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް ގޮވާލެއްވީ ޕޮލިސް މެމޯރިޔަލް ޑޭ ފަހާގަކުރުމުގެ ރަސްމިޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންގެ ތެރެއިން ރަސްމީ ޑިޔުޓީގައި އުޅެނިކޮށް ދިމާވާ ޙާދިސާތަކުގައި ނިޔާވި ފުލުހުންނާއި، ދެކޮޅުވެރި ޙަމަލާއެއްގެ ސަބަބުން ޝަހީދުވާ ފުލުހުންގެ ހަދާނުގައި ފާހަގަކުރާ ޕޮލިސް މެމޯރިޔަލް ޑޭ ފާހަގަކުރުމަށް އިސްކަނދަރުކޮށިގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފެ ހޯމްއެފެއަރޒް އަޒްލީން އަޙްމަދެވެ. މި ރަސްމިއްޔާތުގައި ޝަހީދުވި ފުލުންގެ ޢާއިލާތައްވެސް ބައިވެރިވިއެވެ.

މިރަސްމިޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންގެ މި މަރުގެ ޙާދިސާތަކުގެ ހަދާން ތިން ކަމެއްގެ މައްޗަށް ބެހިގެންދާކަމަށެވެ. އެ ތިންކަމަކީ، ޤާނޫނު މުގުރާ ބައެއް ފަރާތްތަކުގެ ނަހަމަ އަމަލުތަކުގެ ސަބަބުން ނުކުންނަ ހިތްދަތި ނަތީޖާކަމަށް ސީޕީ ޢަރީފް ސިފަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ވިދާޅުވީ، ދިވެހި ފުލުހުންނަށް ޤަޞްދުގައި ގެއްލުންދޭ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، މިފަދަ ފަރާތްތަކަށް ލިބެންޖެހޭ ޙައްޤު އަދަބުދިނުމުގެ ކަންކަން އަވަސްކޮށްދެވައި މިފަދަ ޖަރީމާ ހިންގާ ފަރާތްތަކަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ކަނޑައަޅައިދިނުމަށް ކޯޓުތަކަށް ގޮވާލައްވާކަމަށެވެ.

ފަހަކަށް އައިސް އެކިއެކި ޙާދިސާތަކުގައި ފުލުހުންގެ ތެރެއިން ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ ތެރޭގައި، ހިމެނޭ:

- ލާންސް ކޯޕްރަލް ލ. ފޮނަދޫ ޗާންދަނީމާގޭ ޢަލީ ނާޒިމް ދުނިޔެ ދޫކޮއްފައި ވަނީ ކަނޑުމަތީގައި ޙާލުގައިޖެހުނު ބަޔަކު ސަލާމަތްކުރަން ދިޔަ މަގުމަތީ ދިމާވި އެކްސިޑެންޓެއްގައި

- ޕޮލިސް ކޮންސްޓަބަލް ވ. ރަކީދޫ ނަރުގިސްވިލާ  ޔޫސުފް ޒަމީރު ދުނިޔެ ދޫކޮށްފައިވަނީ ކަނޑުމަތީގެ ޙާދިސއެއްގައި.

- ޕޮލިސް ސާރޖަންޓް ކ. ކާށިދޫ ކެތި އާދަމް ޙަލީމް ދުނިޔެ ދޫކޮށްފައިވަނީ ގޭބަންދުގައި ހުރި މީހަކު ޤާނޫނުގެ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތުގެ ތެރެއިން އެ ކުށްވެރިޔާގެ އަނިޔާވެރި ޙަމަލާއެއްގައި.

- ޕޮލިސް ކޯޕްރަލް ބ.ހިތާދޫ ނަސީމީވިލާ މިސްބާޙް ޢަބްދުﷲ ދުނިޔެއާ ވަކިވާންޖެހުނީ ޗެކްޕޮއިންޓެއްގައި ހުއްޓައި ބާރު ސްޕީޑުގައި އައި ސައިކަލަކުން ޖެއްސުމާ ގުޅިގެން.

ޕޮލިސް މެމޯރިޔަލް ޑޭގެ ރަސްމިއްޔާތުގައި ފުލުހުންގެ ތެރެއިން ރަސްމީ ޑިއުޓީގައި އުޅެނިކޮށް ދިމާވާ ޙާދިސާތަކުގައި، ނިޔާވި ފުލުހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ. އަދި ރަސްމިއްޔާތު ނިންމާލާފައިވަނީ ޚާއްޞަ ދުޢާއަކުންނެވެ.