ޚަބަރު

މަޖިލީހަށް ރައީސް ޔާމީންގެ ނުފޫޒެއް ނެތް- މޫސާ މަނިކު


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވާކަމަށް، ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ދޮގުކުރައްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއްގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ނުވާކަމަށެވެ. މޫސާ މަނިކު ދާދިފަހުން ވެރިކަންކުރާ ޕާޓީ، ޕީޕީއެމާ ގުޅިވަޑައިގެންފައި. މޫސާ މަނިކު ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގެންނެވި ފަހުންވެސް މަޖިލީހުގެ ވަކި މައްސަލައެއްގައި ވަކިގޮތަކަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ނުވާކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް، މަޖިލީހުގެ ނައިބުރައީސްގެ ޙައިޞިއްޔަތުން ވަކިގޮތަކަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިނުވާކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަމަށެވެ. ސިޔާސީ ޕާޓީގެ ލީޑަރެއްގެ ޙައިޞިއްޔަތުން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕާޓީގެ ފިކުރަކީ ކޮބައިކަން އަންގައިދިނުމާއި، ޕާޓީގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތް ފިޔަވައި އިތުރުކަމެއް ނުކުރައްވާކަމަށް މަޖިލީހުގެ ނާއިބު ރައިސް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އެމަނިކުފާނަށް ވަރަށްބޮޑަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.