ޚަބަރު

އަނިލް - ނަޒާޙަތްތެރި، ޚުލްގު ހެޔޮ، އިތުބާރުހުރި ބޭފުޅެއް


ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު، އެމަނިކުފާނުގެ ދިފާޢުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ޝުޢޫރު ފާޅުކުރައްވަމުންނެވެ. އެގޮތުން ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލައި، އެމަނިކުފާނުގެ އިތުބާރު ދަމަހައްޓާނެކަމަށް ޕީޕީއެމްގެ ޕީޖި ލީޑަރ އަޙްމަދު ނިހާން ވިދާޅުވިއެވެ. އަދި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވަނީ، ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްއާ ދެކޮޅަށް ހުށައެޅި އިތުބާރު ނެތްކަމުގެ މައްސަލައަކީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް ހުށައެޅި މައްސަލައެއްކަމަށް ތުހުމަތު ކުރައްވާފައެވެ.

ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްއާއެކު މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ އެމަނިކުފާނަށް ތަޢުރީފްކުރައްވައި ޝުޢޫރު ފާޅުކުރައްވަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ ނަޒާޙަތްތެރި، ހިއްވަރުފުޅުގަދަ، ޚުލްގުފުޅު ހެޔޮ، އިތުބާރުހުރި ބޭފުޅެއްކަމަށެވެ. އަދި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަންޑާރަ ނާއިބު މުޙައްމަދު އަނިލް އަދާކުރައްވަމުން ގެންދަވަނީ ޤާނޫނުއަސާސީގައި ބަޔާންކުރާ ޒިންމާކަމަށެވެ.

tw:https://twitter.com/em_saeed/status/887986958550552580

ބަންޑާރަނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީނޫން ޕާޓީއަކަށް ބަދަލުވުމުން އެމެމްބަރަކު މަޖިލީހުގެ މެމްބަރުކަމަށް ވަކިވާނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސުޕްރީމް ކޯޓަށް ހުށައެޅުއްވައި އެ ހުށެއެޅުވުމާ އެއްގޮތަށް ކޯޓުން ނިންމާފައިވާ ދުވަސްވަރެއްގައެވެ.

ދިމާވާ ދުސްތޫރީ އެކި މައްސަލަތަކުގައި، ޤާނޫނުއަސާސީ މާނަކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުއްވުމަކީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ޒިންމާއެކެވެ. އެހެންކަމުން ކޯޓުގެ ނިންމުމާމެދު ބަޔަކު ހިތްހަމަ ނުޖެހުމަކީ ބަންޑާރަނައިބުގެ އިތުބާރު ގެއްލެންވީ ސަބަބެއް ނޫނެވެ.

އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ ރައީސް ޔާމީންގެ ސަރުކާރުގެ ބަނޑާރަ ނާއިބުގެ މަޤާމަށް ޢައްޔަންކުރެވުމުގެ ކުރިންވެސް ސިޔާސީ ދާއިރާއިން ބޭރުގައި ޤާނޫނީ މަސައްކަތްތަކުގައި ދެމިހުންނެވި ބޭފުޅެކެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގެ ބަނޑާރަ ނާއިބުގެ މަޤާމަށް އައްޔަނުކުރެއްވުމަށްފަހުގައިވެސް ސިޔާސީ އެއްވެސް މަސައްކަތެއްގައި އެމަނިކުފާނު އުޅުއްވާފައެއް ނުވެއެވެ. އެގޮތުން ސަރުކާރު ހިންގާ ޕާޓީން ބާއްވާ ސިޔާސީ ޖަލްސާތަކުގައިވެސް ބަންޑާރަނައިބު ބައިވެރިވެވަޑައި ނުގަންނަވައެވެ. އެމަނިކުފާނު ދެމިހުންނެވީ މުޅި ދައުލަތުގެ ބަނޑާރަނައިބުގެ ޙައިޞިއްޔަތުން ސިޔާސީ ވަކި ފިކުރެއް ޕްރޮމޯޓްކުރެއްމުގެ މަސައްކަތުން އެއްކިބާވެވަޑައިގެން، ދައުލަތާއި ސަރުކާރުގެ ޤާނޫނީ ކަންކަން ހަރުދަނާކުރެއްވުމުގައެވެ. އެގޮތުން އެމަނިކުފާނުގެ ބަންޑާރަނައިބުކަމުގައި، ގިނަޢަދަދެއްގެ އިޞްލާޙީ ބަދަލުތަކެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ވަނީ ގެންނަވާފައެވެ.

img:http://s2.psmnews.mv/images/660x400/Bandaaranaibu.jpg|ބަންޑާރަ ނައިބު މުހައްމަދު އަނިލް މަޖިލީހުގައި - ފައިލް ފޮޓޯ: މަޖިލީސް

2008 ވަނައަހަރު ޤާނޫނޫ އަސާސީ ފާސްކުރެވުމާއެކު، ކުރިން ފާސްކޮށްފައިވާ ޤާނޫނުތަކުގެ ތެރެއިން އުވާލަންޖެހޭ ނުވަތަ އިޞްލާޙް ކުރަންޖެހޭ ޤާނޫނުތައް، މީގެ ކުރިން އިޞްލާޙްނުކުރެވި ހުއްޓާ، އެމަނިކުފާނުގެ ބަންޑާރަނައިބުކަމުގައި އެމަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމަވާފައެވެ. އެގޮތުން ދައުލަތަށް ދިމާވި ބޮޑެތި މައްސަލަތަކުގައި އެންމެ އިސްކޮށް ވަކާލާތު ކުރައްވައި، ދައުލަތަށް ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތައް ޙައްލުކުރެއްވުމުގައި އެމަނިކުފާނު މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ޖީ.އެމް.އާރު މައްސަލައާއި، ކޮމަންވެލްގައި ދިވެހި ދައުލަތުގެ ދިފާޢުގައި ބަންޑާރަނައިބުގެ ބެއްލެވުމުގެ ދަށުން ކުރެއްވި ކާމިޔާބު މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

img:http://s2.psmnews.mv/images/660x400/14640233080465.jpg|ބަންޑާރަ ނައިބު މުހައްމަދު އަނިލް ހިއުމެނެޓޭރިއަން ސަމިޓުގައި / ފޮޓޯ: ފޮރިން މިނިސްޓްރީ

ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމުގައި މިހާރު ހުންނެވި އަލްއުސްތާޛް މުޙައްމަދު އަނިލަކީ، ޙުލްޤްފުޅު ހެޔޮ މީހުންނަށް އިޙްތިރާމްކުރައްވާ، ހިތްޕުޅުތިރި، ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނުގެ އަސާސްތައް ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް އެމަނިކުފާނާ ބައްދަލުވެ ޚިޔާލު ބަދަލުކޮށްލާ ކޮންމެ މީހަކަށްވެސް އެނގި ކަށަވަރުވެގެންދާނެއެވެ. ޤާނޫނީ ދާއިރާއިން މަތީތަޢުލީމް ޙާޞިލްކުރައްވައިގެން ހުންނެވި އަލްއުސްތާޛް މުޙައްމަދު އަނިލްއަކީ ދައުލަތުގެ ބަންޑާރަނައިބުކަމަށް ފުރިހަމައަށް ކުފޫހަމަވާ ބޭފުޅެއްކަން، ޖީ.އެމް.އާރު މައްސަލައިގައި ދިވެހި ދައުލަތަށް ހޯއްދަވައިދެއްވުގައި އަދަކުރެއްވި ރޯލާއި އެކަމުގެ ކާމިޔާބީން ކަށަވަރުވެގެންދާނެއެވެ.

ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، މުޅި ދައުލަތުގެ ބަންޑާރަ ނާއިބުގެ އިތުބާރު ކުށްލިއަކަށް ގެއްލެންވީ އެކަށީގެންވާ ސަބަބައެއް އިދިކޮޅު ފަރާތްތަކަށް ބަޔާންކޮށްދެވިފައެއް ނުވެއެވެ. ދައުލަތާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތައް ޖަވާބުދާރީކުރުވައި، ދައުލަތުން ގެއްލިގެންދިޔަ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނެއް އެކުލަވާލައި ބަންޑާރަ ނައިބު އެކަން އިޢުލާނު ކުރެއްވިތާ، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށައެޅުމުން، އިދިކޮޅު ފަރާތްތަކުގެ ނިޔަތާމެދު ޙަޤީޤަތުގައިވެސް ސުވާލު އުފެދެއެވެ.