ތަޢުލީމު

ޢަރަބިއްޔާ ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ ބާއްވައިފި


އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ވޭތުވެދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު މަފާޒް އަހްމަދު ހޮވިއްޖެއެވެ.

އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ފާއިތުވި އަހަރު އެ ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވާފައިވެއެވެ. ކްލާސްތަކުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި މުޅި ސްކޫލުން ފާހަގަ ކުރެވުނު ދަރިވަރުންނަށާއި، ޔުނީފޯމް ހަރަކާތްތަކުން ފާހަގަ ކުރެވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

img:http://s2.psmnews.mv/images/660x400/15006231073531.gif|އަރަބިއްޔާ ސްކޫލްގެ އިނާމުގެ ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް ދަރިވަރަކަށް އިނާމް ހަވާލުކޮށްދެއްވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވީ ދަރިން ތަރުބިއްޔަތުކޮށް އެކުދިންގެ ގައިގައި ރަނގަޅު ސިފަތައް އަށަގެންނެވުމަކީ ބެލެނިވެރިން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ދަރިން ދަނީ ރަނގަޅު މަގުންތޯ ބެލުމަކީ އެކުދިންގެ ބެލެނިވެރިންނާއި، މުދައްރިސުންވެސް ކުރަންޖެހޭ ކަމެއްކަމަށް ސުލައިމާނު ވިދާޅުވިއެވެ.

ޢަރަބިއްޔާގެ އެންމެ މޮޅު ދަރިވަރަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ސްކޮލަރޝިޕާއި، އެޑިއުކޭޝަން މިނިސްޓްރީން ދެއްވާ އިނާމާއި، ޕާކިސްތާން އެންބަސީން ދޭ އިނާމާއި އަރަބިއްޔާ ސްކޫލުން ދޭ ހަނދާނީ ލިޔުމާއި ތަށި ހަވާލުކޮށްފައެވެ. 

މި އިނާމްތައް ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމްއެވެ.