ޚަބަރު

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި


ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލްގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންޑާރަނައިބު މުޙައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 24 މެމްބަރުންގެ ސޮޔާއެކުކަމަށް ޕީ.އެސް.އެމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން މަދުވެގެން 10 މެމްބަރުންގެ ސޮޔާއެކު ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅިދާނެއެވެ. އިދިކޮޅު ފަރާތްތަކުން ދައުލަތުގެ ބަންޑާ ރަނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ، ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލޭގޮތަށް ކަނޑައެޅުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް އޭނާއަށް ވަރަށްބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެއެވެ. އަދި އެމައްސައަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ވަޒީރުންގެ މަޖިލީހުގެ އެމެމްބަރަކަށް ލިބިދެވޭނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެނެވެ. އެގޮތުން ބަންޑާރަނައިބުގެ އިތުބާރުނެތްކަމުގެ މިމައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓު ލިބިގެނެވެ. އަދި މަޖިލީހުން އެމައްސަލަ ފާސްކޮށްފިނަމަ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރެވޭނީ ސުޕްރީމް ކޯޓުން މަޖިލީހުގެ މިނިންމުން ޞައްޙަކަމަށް ކަނޑައަޅުއްވައިފިނަމައެވެ.