ތަރައްްޤީ

ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ފަށައިފި


ހުޅުމާލޭގައި އަޅާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސަރުކާރު އޮފީސްތަކަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރް ކުންފުންޏާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 123 މިލިއަން ޑޮލަރަށްކަމަށް ފިނޭންސް މިނިސްޓްރީ ބުނެއެވެ.  

މި އިމާރާތުގެ މިހާރު ކުރިޔަށްދަނީ އިމާރާތުގެ ސްޓްރަކްޗަރ މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ޕައިލްތައް ޖެހުމުގެ މަސައްކަތްތަކެވެ. ޖުމްލަ 884 ޕައިލް ޖެހުމަށް ހަމަޖެހިފައިވާއިރު މިހާރު ވަނީ 230 ޕައިލް ޖަހާ ނިންމާފައެވެ. 25 މީޓަރު ބިމުގެ އަޑިއަށް ޖަހާ މި ޕައިލްތައް ޖެހުމުގެ މަސައްކަތް ދެމަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.  

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީވެގެން އަންނައިރު މި އޮފީސް ބިލްޑިންގެ އިތުރުން  ޓުއަރިޒަމް ޒޯނާއި، ގެސްޓް ހައުސްއާއި، އެކި އެކި ވިޔަފާރިތަކަށް ބިން ދޫކުރަން ފަށާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން ހުޅުމާލެއިން ސަތޭކަހާހާއި ގާތްކުރާ އަދަދަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ސައިމަން  ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ކުރުމުގެ ގޮތުން މަސައްކަތްތަކަށް ބޭނުންވާ އިތުރު މެޝިނަރީ ގެންނަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ. އެގޮތުން ކުރިން ބޭނުންކުރަމުންދިޔަ ތިން ޕައިލް މެޝިންގެ އިތުރުން, އިތުރު ހަތް ޕައިލް މެޝިން މިހާރު ގެނެސްފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެޗްޑީސީން މަސައްކަތްކުރަމުން އަންނަނީ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް އަންނަ އަހަރަށް ނިންމުމަށެވެ.