ޚަބަރު

ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމަން ފާރިސް ކޯޓަށް ހާޒިރުކޮށްފި


ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމަން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ. 

ފުލުހުން ތަހްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން މ. ސްނޯ ރޯސްގޭގެ ފާރިސް ދިރިއުޅުއްވާ އެޕާރޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ބަލައި ފާސްކޮށްފައެވެ. ބަލަމުންދާ މައްސަލައަކާ ގުޅިގެން ފާރިސް ހައްޔަރުކުރީ އިއްޔެއެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ސީދާ ކޮން މައްސަލައެއްގައިކަން ފުލުހުން  ހާމަކޮށްފައެއް ނުވެއެވެ.

އިއއޔެ ހެނދުނު ފާރިސް ދިރިއުޅުއްވާ އެޕާރޓްމަންޓަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި، ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާކަމަށް ފާރިސްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅުންހުރި ހެކި ހޯދުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ޝަޚްސު އޮޅުވާލުމުގެ ކުށުގައި ފާރިސްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.