ޚަބަރު

ޢީދު ނަމާދު އިންތިޒާމްކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށްފި


މިދިޔަ ފިޠުރު ޢީދުގެ ބޮޑު ޖަމާޢަތް އިންތިޒާމްކުރުމުގައި އިސްލާމިކް މިނިސްޓްރީއަށް އެކި ގޮތްގޮތުން އެހީތެރިވެދިން މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާ އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުން ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ބޭފުޅުންނާ ބައްދަލުކުރީ މިއަދު ހެދުނު އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. މި ބައްދަލުވުމުގައި ޢީދު ނަމާދު އިންތިޒާމްކުރުމުގައި އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކުރައްވާ އެފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ޙަސަން ރަޝީދު ވަނީ ދީނީ އަދި އިޖްތިމާއީ މިފަދަ ކަންކަމުގައި ހުރިހާ ފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ފިޠުރު ޢީދު ނަމާދު އިންތިޒާމްކުރުމަށް އެކި ފަރާތްތަކަށް ހުޅުވާލުމުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ދިންކަމަށެވެ. ފަހަކަށްއައިސް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރަމުންދެއެވެ.