ޚަބަރު

ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު ދަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުލުހުންނަށް 8239 މައްސަލަ ހުށަހަޅާފައިވާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ 7644 މައްސަލައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 1239 މަސްތުވާތަކެތީގެ މައްސަލައާއި، 1282 ޓްރެފިކް އެކްސިޑެންޓްގެ މައްސަލަ އަދި މާރާމާރީގެ 429 މައްސަލަ ހުށަހަޅާފައިވާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ 1041 މައްސަލައާއި، 1107 ޓްރެފިކް އެކްސިޑެންޓުގެ މައްސަލައާއި، 374 މާރާމާރީގެ މައްސަލަ ހުށަހަޅާފައެވެ.

ގެވެށި އަނިޔާގެ 170 މައްސަލައެއް މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހަޅާފައިވާއިރު ބަދުއަޚްލާގީ މައްސަލަތަކުގެ ތެރޭގައި 234 މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގެވެށި އަނިޔާގެ 149 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު 217 ބަދުއަޚްލާގީ މައްސަލަވަނީ ހުށަހަޅާފައެވެ.

ގެއްލިގެން ހޯދާ މީހުންގެ 913 މައްސަލަ ފުލުހުންނަށް މިދިޔަ އަހަރު ހުށަހަޅާފައިވާއިރު މިއަހަރު މިޢަދަދު ވަނީ 772 އަށް ދަށްވެފައެވެ. ފޭރުމުގެ މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 376 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 356 ފޭރުމުގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މީގެ އިތުރުން ފުލުހުންގެ ތަފާސް ހިސާބުތަށް ދައްކާގޮތުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައެއް ކަމަށްވާ ވައްކަމުގެ މައްސަލަވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިފަދަ މައްސަލަތައް މިދިޔަ އަހަރާއި އަޅާބަލާއިރު މަދުކަމުގައި ވިނަމަވެސް މުދަލަށް ގެއްލުން ދިނުމާއި ޚިޔާނާތުގެ މައްސަލަތަށް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ގިނައެވެ.