ވިޔަފާރި

"ބޮޑުޢީދު ޗުއްޓީއަށް ގިނަބަޔަކު ދަނީ ޓިކެޓް ނަގަމުން"


މިއަހަރުގެ ބޮޑު ޢީދު ޗުއްޓީގައި އަތޮޅުތަކުގެ ރަށްރަށަށް ދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ދުރާލައި ޓިކެޓް ނަގަމުންދާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ. 

ޤައުމީ އެއަރލައިން، މޯލްޑިވިނުން ހާމަކުރާ ގޮތުގައި މިހާރުވެސް ފަސްދޮޅަސް ފަހެއް އިންސައްތައާއި، ހަތްދިހަ އިންސައްތައާ ދެމެދުގެ ޢަދަދަކަށް ޓިކެޓް ވިކި ހުސްވެފައިވެއެެވެ.

އަދި ކުރިއަށްއޮތް ޖުލައި ސައްބީހުގެ ބަންދުގައިވެސް ޗުއްޓީއަށް ތަންތަނަށް ދިޔުމަށް ގިނަ ޢަދަދެއްގެ ބަޔަކު ޓިކެޓް ނަގަމުންދާ ކަމަށާ، އެގޮތުން ފަންސާސް އިންސައްތައާ ހަމައަށް މިހާރު ޓިކެޓް ވިކި ފައިވާ ކަމަށް މޯލްޑިވިއަންއިން ހާމަކުރެއެވެ. 

މިއަދުން ފެށިގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ހެޔޮކޮށްފައިވާއިރު، ގިނަ ޢަދަދެއްގެ ބަޔަކު ޓިކެޓް ގަތުމަށް ރިޒަރވޭޝަންވެސް ހަދަމުންދާ ކަމަށް އެއެއާލައިނުން ހާމަކުރެއެވެ. 

ޖެޓް ފިއުލްގެ އަގު ހެޔޮ ކުރުމާއި ގުޅިގެން އެތެރޭގެ އުދުހުންތަކުން ގާތްގަނޑަކަށް ސަތޭކަ ރުފިޔާ މޯލްޑިވިއަނުން ވަނީ އަގުހެޔޮކޮށްފައެވެ. އަގަށް ގެންނަ ބަދަލާއެކު މާލެއާއި އައްޑޫސިޓީ، އާއި މާލެއާއި ފުވައްމުލަށްސިޓީގެ ޓިކެޓެއްގެ އަގު އަށްސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ބަދަލުވާނެއެވެ. މީގެކުރިން މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ދެމެދު އެންމެ އަގުހެޔޮ ޓިކެޓްގެ އަގު އުޅެނީ ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށެވެ.

މިބަދަލާއެކު ކާޑެއްދޫ އާއި ކޫއްޑޫއާއި މާލެއާއި ދޭތެރޭ އެއްކޮޅު ޓިކެޓެއްގަ އަގު އުޅެނީ 877 ރުފިޔާއަށެވެ. ކައްދޫއާއި ތިމަރަފުށްޓާއި ހަނިމާދޫ ޓިކެޓެއް އުޅެނީ އަށްސަތޭކަ ފަންސާސް ފަސް ރުފިޔާއަށެވެ. މާލެއާއި ދަރަވަންދުއާދެމެދު ޓިކެޓެއްގެ އަގު ފަސްސަތޭކަ ނުވަދިހަ ނުވަ ރުފިޔާއަށް ހެޔޮކޮށްފައިވާއިރު މާލެއާއި ކުޑަހުވަދުއާއި މާލެއާއި އިފުރާދެމެދު ޓިކެޓެއްގެ އަގު އުޅެނީ އަށްސަތޭކަ ރުފިޔާއަށެވެ.