ރިޕޯޓް

ދަރިވަރުނާ ގުޅޭ އޭޝިއާގެ ފުރަތަމަ ޑޭޓާބޭސް ރާއްޖޭގައި!


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ތަޢުލީމީ ދާއިރާގެ މަޢުލޫމާތުއެކުލެވޭ ޑޭޓާބޭސްއެއް މޯލްޑިވްސް އެޑިއުކޭޝަން މެނޭޖުމެންޓް އިންފޮމޭޝަން ސިސްޓަމްގެ ނަމުގައި ފަރުމާކޮށް އިފްތިތާޙްކޮށްފިއެވެ. 

މި ޑޭޓާބޭސް އިފްތިތާޙްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމާއި ޔުނިސެފް ރީޖަނަލް ޑައިރެކްޓަރ ޑރ.ޖީން ގޯފެވެ. މޯލްޑިވްސް އެޑިއުކޭޝަން މެނޭޖްމެންޓް އިންފޮމޭޝަން ސިސްޓަމްގެ ޑޭޓާބޭސްގެ ތެރެއިން ތަޢުލީމީ ދާއިރާގެ ހުރިހާ މަޢުލޫމާތު އިންޓަނެޓް މެދުވެރިކޮށް ބެލެހެއްޓުމުގެ މަގުފަހިވެގެންދާނެއެވެ. މިގޮތުން ސްކޫލްތަކާއި ދަރިވަރުންނާއި ސްކޫލތަކުގެ ހުރިހާ މުވައްޒަފުންގެ މަޢުލޫމާތު މި ޑޭޓާބޭސްގައި ހިމެނެއެވެ. މި ޑޭޓާބޭސް އިފްތިތާޙުކޮށްދެއްވައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މި ޑޭޓާބޭސްގެ ސަބަބުން ކުދިންގެ ތާޢުލީމީ ޙަޔާތުގެ ކާމިޔާބީތަކުން ފެށިގެން ކުދިންގެ ހާޒިރީވެސް ދުވަހުން ދުވަހަށް ބެލެހެއްޓޭނެކަމަށެވެ. 

ޔުނިސެފް ގެ އެހީތެރިކަމާއިއެކު ކުރިއަށްދާ މިމަޝްރޫގައި ރާއްޖެއަށް ބޭނުންވާނެ ފަދަގޮތަކަށް ފަރުމާކޮށްދެއްވީ ކޮމިއުނިޓީ ސިސްޓަމްސް ފައުންޑޭޝަނުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިއުނިޓީ ސިސްޓަމްސް ފައުންޑޭޝަން (ސީއެސްއެފް) ގެ ޕްރޮގްރާމް އެޑްވައިސަރ ކާލް ޓަންބެލް ވިދާޅުވީ ތަޢުލީމީ ނިޒާމަށް މި ޑޭޓާބޭސްގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. 

މި ނިޒާމުގެ ތެރެއިން ދަރިވަރުންގެ މަޢުލޫމާތު ބެލެނިވެރިންނަށް ލިބޭނެ ކަމަށާއި ދަރިވަރުން ސްކޫލު ބަދަލުވާއިރު ޢާއްމުކޮށް ދިމާވާ އިދާރީ މައްސަލަތަށް މިނިޒާމުގެ ސަބަބުން ހައްލުވާނެކަމަށް ކާލް ވިދާޅުވިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މީގެ ކުރިން ތަފާތުގޮތްތަށް ބޭނުން ކުރެވުނުކަމަށެވެ. ނަމަވެސް އެއީ މެނުއަލް ގޮތްތަކެއްކަމުން އެފަދަ ގޮތަކަށް ރާއްޖޭގައި ޤާއިމްކުރެވިފައިވާ 200 އަށްވުރެ ގިނަ ސްކޫލްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މި ޑޭޓާބޭސް ފުޅާކުރެވިފައިވާއިރު ކުރިއަށް އޮތްތަނުގައި މަތީ ތަޢުލީމުދޭ މަރުކަޒް ބޭނުން ކުރަން ފެށުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.