ޚަބަރު

25 މެގަވޮޓްގެ ޕަވަރ ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ


އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކުރާ ސްޓެލްކޯގެ 25 މެގަވޮޓްގެ ޕަވަރ ސްޓޭޝަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު ބޮޑުވަމުންދާއިރު، ސްޓެލްކޯގެ މައި އޮފީހުގައި ޤާއިމްކޮށްފައިވާ ޕަވަރ ސްޓޭޝަނަށް ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. މި ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން މާލޭގައި އިތުރު ޕަވަރ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާ މިހާރު ވަނީ އެތަން ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައެވެ. ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންގައި ތަރައްޤީކުރާ ފަންސަވީސް މެގަ ވޮޓުގެ ޕަވަރ ސްޓޭޝަނުން ކަރަންޓުގެ ޙިދުމަތް މައިގަނޑު ގޮތެއްގައި ދޭނީ މާލޭގެ ހުޅަނގު ބައެއް ސަރަހައްދުތަކަށް ކަމަށެވެ.

މާލެ ސަރަހައްދަށް ސްޓެލްކޯއިން ދޭ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހުޅުމާލޭގައި ޤާއިމްކުރާ ފަންސާސް މެގަ ވޮޓްގެ ޕަވަރ ޕްލާންޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މާލޭގެ އިތުރުން މާލެއަތޮޅާއި އއ އަތޮޅާއި، އދ އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ރަށްތަކަށްވެސް ކަރަންޓްގެ ޚިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ.