ތިމާވެށި

ތިމާވެށީގެ ބޮޑު ފެސްޓިވަލެއް ނައިފަރުގައި ބާއްވައިފި


ދުނިޔެއިން ނެތިގެން ހިނގައިދާނެކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ނައިފަރުގައި ބާއްވައިފިއެވެ. 

"ޅަވިޔަނި ޓާޓަލް ފެސްޓިވަލް" ގެ ނަމުގައި ބޭއްވި މި ފެސްޓިވަލަކީ، ތިމާވެއްޓާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ނައިފަރު ޖުވެނައިލުން ބޭއްވި ފެސްޓިވަލެކެވެ. މިއީ މިފެސްޓިވަލް ބޭއްވި ދެވަނަ ފަހަރެވެ.

ނައިފަރު ޖުވެނައިލް ޖަމިއްޔާއަކީ ތިމާވެއްޓަށް މީހުން ހޭއްލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން އިސްނަގައިގެން ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން "ޅަވިޔަނި ޓާޓަލް ފެސްޓިވަލް" ނަމުގައި ހާއްސަ ފެސްޓިވަލެއް އަންނަނީ ބާއްވަމުންނެވެ. މިއީ ރާއްޖޭގައި ބާއްވަމުން އަންނަ ތިމާވެށީގެ އެންމެ ބޮޑު ފެސްޓިވަލެވެ. މި ފެސްޓިވަލްގައި ދުނިޔެއިން ނެތިގެން ހިގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއި އެކު ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް ގިނަ މެސެޖްތަކެއް މި ފެސްޓިވަލްގެ ތެރެއިން ދެމުންއާދެއެވެ.

img:http://s3.psmnews.mv/images/660x400/15001013886829.jpg|ޓާޓްލް ފެސްޓިވަލްގެ ތެރެއިން ވެލައެއް މޫދަށް ދޫކޮށްލަނީ / ފޮޓޯ: ޓްވިޓަރ

މި ފަހަރުގެ ފެސްޓިވަލް ފަށްޓަވާ ދެއްވީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ. ފެސްޓިވަލް ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެއްކި އެންމެންވެސް މަސައްކަތްކުރަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ. މި ފަހަރުގެ ފެސްޓިވަލްގައި ނައިފަރުގައި ހުންނަ އެޓޯލް މެރިން ސެންޓަރގައި ބަލަހައްޓަމުން ގެންދިޔަ ވެލާތައް ވަނީ މޫދަށް ދޫކޮށްލާފައެވެ.

މި ފެސްޓިވަލްގައި އީ.ޕީ.އޭ އިން ބައިވެރިވެ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކޮށްފައިވާ ކަނޑުގެ ދިރުންތަކާއި، ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އަދި ސްކޫލް ކުދިންނަށް އަމާޒްކޮށްގެން މައުލޫމާތު ދިނުމުގެ ކްލާސްތަކެއްވެސް ވަނީ ހިންގާފައެވެ.

އުކާލެވޭ ކުނި ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް މި ފެސްޓިވަލްގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންގޮސްފައިވެއެވެ. މި ފެސްޓީވަލްގައި ނ، ބ، ޅ އަތޮޅުގެ ސްކޫލްތައް ބައިވެރިވެފައިވާއިރު، ރިސޯޓްތަކުގެ ތިމާވެއްޓާ ގުޅޭ މެރިން ބަޔޮލޮޖިސްޓުން ބައިވެރިވެ މައުލޫމާތު ދިނުމުގެ ކްލާސްތަކެއް ހިންގާފައިވެއެވެ. އަދި މީގެ އިތުރުން މިކަމަށް ޚާއްސަ މަޢުލޫމާތު ދޭ ސްޓޯލެއް ވަނީ ބަހައްޓާފައެވެ..