ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައް އަވަސްކުރުމުން އެކަމާ ގުޅިގެން ފާރިސްގެ ފަރާތުން ޝަކުވާ ހުށައެޅުމާ ގުޅިގެން، އެ މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ކުރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލާގައި މިއަދު ތާވަލްކޮށްފައި އޮތީ އިބްތިދާއީ އަޑުއެހުމެވެ. މި އަޑުއެހުން ފެށުމާއެކު ފާރިސްގެ ޤާނޫނީ ވަކީލު މައުމޫން ޙަމީދު ވަނީ ބައެއް ސުވާލުތައް އުފައްދަވާފައެވެ. މި ގޮތުން މައްސަލަ ބައްލަވާނެކަމަށް ކުރިން އެންގެވި ޤާޟީ ބަދަލުވުމާއި މައްސަލަ ފެށުމަށް ކުރިން ތާވަލްކުރި ދުވަހަށްވުރެ އަވަހަށް ކުއްލި ގޮތަކަށް ފެށީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ. އަދި މައްސަލަ ފެށުން ކުރިން ކަނޑައަޅާފައިވާ ދުވަހަށް ފަސްކޮށްދެއްވުމަށްވެސް މައުމޫން ޙަމީދު އެދިވަޑައިގެންނެވިއެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާޟީ ވިދާޅުވީ މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާނީ ކޯޓްގެ އިސް ޤާޟީކަމަށެވެ. އަދި މައްސަލަ ފެށުން ލަސްކޮށްދެއްވުމަށް ފާރިސްގެ ފަރާތުން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ އަޑުއެހުންތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށެވެ.
ޝަޚަސް އޮޅުވާލުމުގެ ކުށުގެ ދަޢުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޕީޕީއެމްގެ ދިދަ ޤަވާޢިދާ ޚިލާފަށް ބޭނުންކުރިކަމަށް ބުނެއެވެ.
ޤާނޫނުލްއުޤޫބާތުގެ ދަށުން ފާރިސްގެ މައްޗަށް އުފުލާފައިވާ ދަޢުވާ އޭނާގެ މައްޗަށް ސާބިތިވެއްޖެނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑުން ދެވޭނެ އެންމެ ބޮޑު އަދަބަކީ ނުވަމަހާއި އަށާރަދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި މި ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި ކަނޑައެޅެނީ ދެ އަހަރަށް ޖަލަށްލުމެވެ. ޤާނޫނުލް އުޤޫބާތުގެ ދަށުން ޖަލު ޙުކުމްތައް ޖޫރިމަނާއަށް ބަދަލުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
އެއްއަހަރު ދުވަހުގެ ޖަލުޙުކުމެއް އަތުވެއްޖެނަމަ ޤާނޫނު އަސާސީ ބުނާގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.