ދީން

ޑރ.ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފި


ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް، "ދަ ލެގަސީ"ގައި ބައިވެރިވެވަޑައިގަތުމަށް، މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފިއެވެ. ޑރ.ބިލާލްއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޕީސް ފައުންޑޭޝަންގެ މެންބަރުން ވަނީ ހޫނު މަރުޙަބާއެއް އިއްޔެ ކިޔާފައެވެ. 

"ދަ ލެގަސީ" ހަރަކާތަކީ ޕީސް ފައުންޑޭޝަނުން އަލަށް ފަށާ ދަރުސް ދިނުމުގެ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދީނީ އިލްމްވެރިން ރާއްޖެ ގެނެސް، ދީނީ ދަރުސްތައް ބޭއްވުން ހިމެނެއެވެ. މިރޭ އިސްލާމީ މަރުކަޒު ސަރަޙައްދުގައި މި ހަރަކާތް ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ. ރާއްޖެ ވަޑައިގަތުމަށްފަހު، އެއަރޕޯޓްގައި ހުންނަވާ ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން ޑރ ބިލާލް ވަނީ، މިރޭ އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދަށް ވީހާވެސް ގިނަ ބަޔަކު ދަރުސް އަޑުއެހުމަށް ދިއުމަށް އެދިވަޑައިގެންފައެވެ.

ޑރ ބިލާލްގެ މި ދަތުރުގައި މާދަމާ އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގައި އިމާމްވެ ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ދަ ލެގަސީ ހަރަކާތަށްފަހު، ޕީސް ފައުންޑޭޝަންގެ ޓީމާއެކު، ޑރ ބިލާލް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓްރީ މުޙައްމަދު ސޮބާޙް ވިދާޅުވިއެވެ.

ޑރ. ބިލާލް ފިލިޕްސް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވެއެވެ. ޑރ ބިލާލް ފިލިޕްސްވަނީ އިސްލާމް ދީނާ ގުޅޭ އެކިއެކި މައުޞޫއުތަކަށް ފަންސާހަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. ޑރ ބިލާލަކީ، މަޝްހޫރު ދީނީ  ޗެނަލް "ޕީސް ޓީވީ"ގައި ދަރުސް ދެއްވާ ބޭފުޅެކެވެ.