ތިމާވެށި

ނައިފަރުގެ ތިމާވެށީގެ ބޮޑު ފެސްޓިވަލެއް ބާއްވަނީ


ދުނިޔެއިން ނެތިގެން ހިގައިދޭނެކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ތިމާވެށީގެ ފެސްޓިވަލް ނައިފަރުގައި ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލަކީ ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ނައިފަރު ޖުވެނައިލުން ބާއްވާ ފެސްޓިވަލެކެވެ.

ތިމާވެއްޓާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ނައިފަރު ޖުވެނައިލުން "ޅަވިޔަނި ޓާޓަލް ފެސްޓިވަލް" ގެ ނަމުގައި މި ފެސްޓިވަލް ބާއްވާ މީ ދެވަނަ ފަހަރެވެ. ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް ބާއްވާ މި ފެސްޓިވަލަކީ ޔޫއެންޑީޕީއާއި މަންތާ ޓްރަސްޓާއި ތިމާވެއްޓާ ގުޅޭ މުއައްސަސާތަކާއި ބައެއް އަމިއްލަ ޖަމްޢިއްޔާތަކާއި ރިސޯޓުތަކުގެ މެރިން ބަޔޮލުޖިސްޓުން ގުޅިގެން ބައްވާ ފެސްޓިވަލެކެވެ. އަންނަ ހުކުރުދުވަހު ބާއްވާ މި ފަހަރުގެ ފެސްޓިވަލްގައި ނ، ބ، ޅ އަތޮޅުގެ ބައެއް ސްކޫލްތަކުން ބައިވެރިވާނޭކަމަށް "ނައިފަރު ޖުވެނައިލް"ގެ ވައިސް ޗެއަރ ޕަރސަން މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

ދުނިޔޭއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ ކަހަނބު މި ފެސްޓިވަލްގައި ދައްކާލާނެކަމަށާއި އެތަކެއްޗަށް އެންމެ ނުރައްކާ ބޮޑުވެފައިވާ ބާވަތްތަކުގެ މަޢުލޫމާތު މިފެސްޓިވަލްގެ ތެރެއިން ލިބިގެންދާނެކަމަށް ނައިފަރު ޖުވެނައިލުން ބުނެއެވެ. އަދި ތިމާވެއްޓާއި ވެށީގެ ނާޒުކުކަން ބުނެދިނުމަށް އެކަމާއި ގުޅޭ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހުންނާނެކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. ނައިފަރު ޖުވައިނަލުން ބުނީ މީހުން ހޭލުންތެރިކުރުމުގެ އިތުރުން މުނިފޫފިލުވުމުގެ ބައެއް ޙަރަކާތްތަށްވެސް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށްދާނެކަމަށެވެ.

ނައިފަރުގެ އެޓޯލް މެރިން ސެންޓަރު ސަރަހައްދުގައި ބާއްވާ މިފެސްޓިވަލްއަށް މިދިޔަ އަހަރު ލިބުނު ތަރުހީބަށްވުރެ ބޮޑުތަރުހީބެއް މިފަހަރު ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް "ނައިފަރު ޖުވެނައިލް"ގެ ވައިސް ޗެއަރ ޕަރސަން މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

އުކާލެވޭ ކުނި ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް މި ފެސްޓިވަލްގައި ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިޔަށްދާނެއެވެ. މި މުބާރާތުގައި ވަނަތަކަށް ފައިސާގެ އިނާމް ހުށައަޅާފައިވާކަމަށް ނައިފަރު ޖުވައިނަލް އިން ބުނެއެވެ. ވެލާ ކަހަނބު އާލާކޮށް މީހުންގެ ހޭލުންތެރިކުރުވުމަށް ނައިފަރު ޖުވައިނަލުން މަސައްކަތް ކުރަމުންދާތާ މިއީ 16 ވަނަ އަހަރެވެ.