ތަޢުލީމު

ހިތާދޫ ސްކޫލަށް އިތުރުކުރާ ކްލާސްތަކުގެ މަސައްކަތް ނިމެނީ


ބ.ހިތާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޢިމާރާތްކުރާ 6 ކްލާސްރޫމްގެ މަސައްކަތް ނިންމާ ކުރިއަށްއޮތް ހަފްތާގެތެރޭގައި އެ ކްލާސްރޫމްތަކުގައި ކިޔަވައިދޭން ފަށާނެކަމަށް ހިތާދޫ ސްކޫލުން ބުނެފިއެވެ.

213 ދަރިވަރުންނަށް ކިޔަވައިދެމުންދާ ހިތާދޫ ސްކޫލްގައި މިހާރު ކިޔަވައިދެމުން އަންނަނީ ސްކޫލް ހޯލްގައި ޕާރޓިޝަން ޖަހައިގެން ހަދާފައިވާ 4 ކްލާސްރޫމާއި، ސައިންސްލެބާއި، ކޮމްފިއުޓަރ ލެބް އަދި ލައިބްރަރީއަށް ބޭނުންކުރާ ކްލާސްރޫމަތަކުގައި ކަމަށް އެ ސްކޫލުން ބުނެއެވެ.

ނަމަވެސް އަލަށް ޢިމާރާތްކުރި ކްލާސްރޫމްތަކުގެ ސަބަބުން ޖާގައިގެ ދަތިކަން ހައްލުވެ ލައިބްރަރީއާއި، ކޮމްޕިއުޓާރ ލެބް އަދި ސައިންސްލެބްގެ ޖާގަ ތަނަވަސްވެ އެތަންތަނުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ދަރިވަރުންނަށް ހިފޭނެކަމަށް ހިތާދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިތާދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ޢިމާރާތްކުރި ހަ ކްލާސްރޫމުގައި ޕްރޮޖެކްޓަރު ބަހައްޓާފައިވާކަމަށާއި، އަދި އަވަސް މުސްތަޤްބަލެއްގައި އިތުރު ކްލާސްރޫމްތަކުގައިވެސް ޕްރޮޖެކްޓަރ ބަހައްޓައި، އިތުރަށް ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދެމުން އަންނަ ހިތާދޫ ސްކޫލަކީ ގްރޭޑް ދިހައަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ކްލާސްރޫމްތަކުގެ މަސައްކަތް ނިންމައި ސްކޫލާއި ހަވާލުކޮށްފައިވަނީ މިމަހުގެ އަށްވަނަދުވަހުއެވެ. ބ.ހިތާދޫ ސްކޫލްގައި އިމާރާއްކުރި 6 ކްލާސްރޫމަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން 5.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ކްލާސްރޫމްތަކެކެވެ.