ޚަބަރު

ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް ނިންމާލައިފި


ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން "ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް 1438" ނަމުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ނިމި, ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 4 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދިޔައިރު، ޖުމްލަ 155 ކުދިން މުބާރާތުގައި ވާދަކޮށްފައިވާކަމަށް ޕޮލިހުން މަޢުލޫމާތުދެއެވެ. މިމުބާރާތުގެ ފަޙްރުވެރި 1 ވަނައަށް ހޮވިފައިވަނީ ޛޫޝާން ޖަވާދުއެވެ. އަދި މުޅި މުބާރާތުގެ 2 ވަނައަށް ފާޠިމަތު ޝާހާ ޙުސައިން ހޮވިފައިވާއިރު މުބާރާތުގެ 3 ވަނައަށް ހޮވިފައިވަނީ ޒޯޔާ ބިންތު އަޖުމަލް ރަޝީދުއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މުހިއްމު ވަނަތަކަށާއި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

img:http://s1.psmnews.mv/images/660x400/14999275194481.jpg|ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރުއާނަކީ ހަމައެކަނި ކިޔަވާލައިގެން ފަރުޖައްސާލެވޭނެ ފޮތެއް ނޫންކަމަށާއި އެފޮތުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ އެންމެންގެ އަމަލުތައްވެސް ބައްޓަންކުރަން ޖެހޭކަމަށާއި ކޮންމެ ކުއްޖަކުވެސް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިމުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ވިލިމާލެ ޕޮލިސް އަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ސައުދީ އަދާކުރެއްވިއެވެ.

މި މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ސްޕޮންސަރ ކޮށްދެއްވި ޖޭއެސްއެމް ޕްރައިވެޓް ލިމިޓެޑަށް ވިލިމާލޭ ޕޮލިސްގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ.