ޚަބަރު

"ޕާޓީން ވަކިވި މެމްބަރުންނާމެދު ގޮތެއް ނިންމާނީ ސުލޫކީ ކޮމިޓީން"


ޕީ.ޕީ.އެމުން ވަކިވުމަށް ސިޓީ ފޮނުވި މަޖިލިސް މެންބަރުންނާމެދު ގޮތެއް ނިންމާނީ ޕާޓީގެ ސުލޫކީ ކޮމެޓީން އެކަން ބެލުމަށްފަހު، ނުވަތަ އިލެކްޝަން ކޮމިޝަނުން އެމެންބަރަކީ އެޕާޓީގެ މެންބަރެއްނޫންކަމަށް އެންގުމުންކަމަށް ޕީ.ޕީ.އެމުން ބުނެފިއެވެ.

ޕީ.އެސް.އެސް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕީ.ޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވީ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ޕާޓީން ވަކިވުމަށް ސިޓީ ފޮނުވި މެންބަރުން ޕާޓީން ވަކިވިކަން ކަނޑައެޅޭނެ އެއްގޮތަކީ، ޕީ.ޕީ.އެމްގެ ސުލޫކީ ކޮމެޓީން މެންބަރުންނާމެދު ފިޔަވަޅު އަޅަންވީގޮތެއް ނިންމުމުންކަމަށެވެ. އަދި އެމެންބަރުން ޕާޓީން ވަކިވެ މިނިވަންވީކަން ކަނޑައެޅޭނީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކެޝަންސް ކޮމިޝަނުނަށްކަމަށެވެ.

ނިހާން ވިދާޅުވީ، ޕީ.ޕީ.އެމް އަށް ހީނަރުކަން ގެނައުމުގެ ނިޔަތުގައި ވަކިވާން ސިޓީ ހުށައެޅި މެންބަރުންނަށް އެޕާޓީއާއި ގުޅުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށާއި، ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅުއްވި ދުސްތޫރީ މައްސަލައިގައި ދުސްތޫރީ ލަފާ އަންނާނީ ކޮން ގޮތަކަށްކަން އަދި އެނގިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ޤާނޫނުތަކަށް ރިޢާޔަތްކުރާއިރު، މީގެ ނިމުމަކަށްވާނީ މެންބަރު ހޮވިގޮތާއި ޚިލާފަށް ޕާޓީބަދަލުކުރިކަމަށް ބެލެވޭނީ، ކޯޓުން ނިންމަވާ ގޮތަކުންކަމަށެވެ.

ނިހާން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް "ފްލޯ ކްރޮސް" ކުރުން ފަދަ ކަންކަމަކީ ޤާނޫނުން އެކަމަށް ބާރުލިބިދީފައިވާ ކަންތައްތަކެއްކަމަށެވެ. 

ނިހާން ވިދާޅުވީ ޕާލިމަންޓަރީ ގްރޫގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވާކަންތައްތަކެއް ހުރެދާނެކަމަށާއި، ނަމަވެސް ޝަރީޢަތުގެ މަޖިލީހުން ނިންމަވާފައިވާ ކަމެއް ބަދަލުކުރުމަށް މަޖިލީހުގެ މެންބަރުން އެދުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ނިހާން ވިދާޅުވިއެވެ.