ރިޕޯޓް

އިސްލާމިކް ލައިބްރަރީން، ލައިބްރަރީ ދުވަސް ފާހަގަކޮށްފި


ޤައުމީ ކުތުބުޚާނާއާއި، ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް ލައިބްރަރީއަށްފަހު، ރާއްޖޭގައި ހުރި އެންމެ ބޮޑު ކުތުބުޚާނާއަކީ އިސްލާމީ މަރުކަޒުގައި ހުންނަ އިސްލާމިކް ލައިބްރަރީއެވެ. މިއަދު ފާހަގަކުރަމުންދާ ކުތުބުޚާނާ ދުވަސް ފާހަގަކުރުމަށް އިސްލާމިކް ލައިބްރަރީއިން ވެސް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ރާއްޖޭގައި ހުރި ތިން ވަނައަށް އެންމެ ބޮޑު ކުތުބުޚާނާގެ އިތުރުން، ރާއްޖޭގައި ހުރި ޢަރަބި އިސްލާމީ އެންމެ ބޮޑު އަރުޝީފަކީ އިސްލާމިކް ލައިބްރަރީއެވެ. ދީނީ ތަފާތު މަޢުލޫއުތަކަށް ލިޔެފައިވާ ދިވެހި ބަހުގެ އެކި އެކި ފޮތްތަކުގެ އިތުރުން، ޢަރަބި ބަހުގެ ގިނަ ފޮތްތަކެއް އިސްލާމިކް ލައިބްރަރީގައި އެބަހުއްޓެވެ. އަދި އިސްލާމް ދީނާ ގުޅޭގޮތުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތައްވެސް މި ކުތުބުޚާނާގައި އެބަހުއްޓެވެ. 

މިއަދު ފާހަގަކުރަމުންދާ ކުތުބުޚާނާ ދުވަހުގެ މުނާސަބަތުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިނެވެ.

އަބްދުއްރަޝީދު ވަނީ ރާއްޖޭގައި ޤައުމީ ކުތުބުޚާނާ ފެށިގެން އައިގޮތަށް ބައްލަވާލައްވާފައެވެ. އަދި އިސްލާމިކް ލައިބްރަރީއެއް އުފެދުނު ގޮތުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ.

ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި އިސްލާމިކް ލައިބްރަރީގެ މަޤްބޫލުކަން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ، ޢަރަބި އިސްލާމީ ތަޢުލީމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާތަކުން ދިރާސާތައް ކުރެއްވުމަށް އިސްލާމިކް ލައިބްރަރީ ބޭނުން އެތައް ގޮތަކުން ކުރެވިދާނެކަމަށް އަބްދުއްރަޝީދު ހުސައިން ވިދާޅުވިއެވެ. 

އިސްލާމިކް ލައިބްރަރީގެ ފަރާތުން ވަނީ ޝަރަފްވެރި މެހްމާން، އަބްދުއްރަޝީދު ހުސައިންއަށް ބައެއް ފޮތް ހަދިޔާކޮށްފައެވެ. 

އިސްލާމިކް މިނިސްޓްރީންބުނީ ޤައުމީ ޔުނިވަސިޓީއާއި، އިސްލާމިކް ޔުނިވަސިޓީގައި ކިޔަވާ ގިނަ ދަރިވަރުން މިހާރުވެސް އިސްލާމިކް ލައިބްރަރީގެ ބޭނުން ހެޔޮ ގޮތުގައި ހިފަމުންދާ ކަމަށެވެ. އަދި މައުލޫމާތު މުއްސަނދި ކުތުބުޚާނާއެއްގެ ގޮތުގައި މިތަންބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެލައިބްރަރީންބުނެއެވެ.