ރިޕޯޓް

ޤައުމީ ލައިބްރަރީ ދުވަސް


މިއަދަކީ ޤައުމީ ލައިބްރަރީ ދުވަހެވެ. މިއަދަކީ ރާއްޖޭގެ ޤައުމީ ކުތުބުޚާނާ އަށް 72 އަހަރު ފުރުނު ދުވަހެވެ. ރާއްޖޭގެ ޤައުމީ ކުތުބުޚާނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާއެވެ. މިއާއެކު ޤައުމީ ކުތުބުޚާނާ ވެފައިވަނީ ދިވެހިބަހުގެ ފޮތްތަކުގެ އެންމެ މުންސަނދި އެއް އަރުޝީފަށެވެ. އެތަނުގައި 10000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ. 

މިއީ ސްކޫލް ކުދިންނާއި، ދިރާސާކުރާ ފަރާތްތަކާއި ޢާންމުން މަޢުލޫމާތު ހޯދާ، މައި މަރުކަޒެވެ. 

ޤައުމީ ކުތުބުޚާނާ އުފައްދާފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ ރާއްޖެ މިނިވަން ދައުލަތަކަށް ބަދަލުވުމުގެވެސް އެތައް އަހަރެއް ކުރިންނެވެ. ކުތުބުޚާނާއެއްގެ ޚިދުމަތް އެންމެ ފުރަތަމަ ދިވެހިންނަށް ތަޢާރަފްވެގެން ދިޔައީ އައްޝައިޚް ޙުސެއިން ޞަލާޙުއްދީން، ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރު، ފަނޑިޔާރު ގޭގައި އެމަނިކުފާނު ބެހެއްޓެވި ފޮތްހަރުގަނޑެއްގެ ސަބަބުންނެވެ. އެފޮތްހަރުގަނޑުގައި ބޮޑަށް ހިމަނާފައިވަނީ ހުޞައިން ޞަލާޙުއްދީންގެ ދަރިވަރެއްކަމަށްވާ ފެލިދޫ، އައްޝައިޚް ޙުސައިން، ގެ ފިޤުހު ފޮތްތަކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓް ގެ އިސްވެރިޔަކަށް ހުންނެވި މުޙައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި މި ޢިމާރާތައް އޭރު ނަން ދީފައިވަނީ ސްޓޭޓް ލައިބްރަރީ ގެ ނަމުންނެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.

ޤައުމީ ކުތުބުޚާނާ އަކީ ދިވެހިންގެ މަޢުލޫމާތުގެ ޚަޒާނާއަށް ވީއިރު، މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މަޢުލޫމާތާއި، އަހަރުން އަހަރަށް ހެދޭ އެކިކަހަލަ ދިރާސާތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިދޭ ތަނެވެ. ރާއްޖޭގައި ޝާއިޢުކުރެވޭ މުހިއްމު ލިޔުންތައް ކުތުބުޚާނާގައި ރައްކާކުރެވިފައިވެއެވެ.

ޤައުމީ ކުތުބުޚާނާ ގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ޤައުމީ ކުތުބުޚާނާގެ ގޮފިތަކުން މީހުންނަށް މަޢުލޫމާތު އިތުރުކޮށްދީ، ޢިލްމީ އަދި ބިނާކުރަނިވި މުޖުތަމަޢެއް އުފެއްދުމެވެ. 

މި މަޤުޞަދުގެ ދަށުން، ދިވެހިންނާއި، ދިވެހިރާއްޖެއަށް ޒިޔާތަރްކުރާ ބޭރުމީހުންގެ މެދުގައި މަޢުލޫމާތު ލިބިގަތުމާއި، ދިރާސާކުރުމުގެ ޝަޢުޤު އުފެއްދުމުގެ މަސައްކަތް، ފާއިތުވި 20 އަހަރުދުވަހުގެތެރޭގައި ޤައުމީ ކުތުބުޚާނާ އިން ވަނީ ކޮށްފައެވެ. އަދި ޤައުމީ މުނާސަބާތަކާ ގުޅުވައިގެން، ފޮތް ކިޔުމާއި، މަޢުލޫމާތު ހޯދުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ވަނީ ހިންގާފައެވެ. 

ދިވެހި ބަހުން ލިޔެފައިވާ 10000 އަށްވުރެ ގިނަ ފޮތް ޤައުމީ ކުތުބުޚާނާގައި އެބަހުއްޓެވެ. ވާހަކަ ފޮތްތަކުގެ އިތުރުން އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ ފޮތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ބެހޭ ލިޔުންތަކާއި، ނޫސްމަޖައްލާތައް ހިމެނެއެވެ. މީގެ އިތުރުން، އިނގިރޭސިބަހާއި،  ޢަރަބި ފޮތްތަކާއި، އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައްވެސް ޤައުމީ ކުތުބުޚާނާއިން ކިޔާލަން ލިބޭނެއެވެ. އިނގިރޭސި ސެކްޝަންގައި އެކަނިވެސް 37900 އަށް ވުރެ ގިނަ ފޮތް ހުރިކަން ފާހަގަކޮށްލެވެއެވެ. އދ.ގެ ލިޔުންތަކާއި، ރިޕޯޓުތަކާއި، ޕްރެސް ކޮންފަރެންސް ތަކުގެ މަޢުލޫމާތާއި، އެކި މީހުންގެ ޚާއްޞަ ލިޔުންކޮޅުތަކާއި މެގަޒިންތައް ކުތުބުޚާނާއިން ކިޔައިލެވޭނެހެން ހުންނަކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. 

ޤައުމީ ކުތުބުޚާނާގައި ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެން އެކި މާއްދާތަކަށް ޚާއްޞަ ފޮތްތަކެއްވެސް ލިބެން އެބަހުއްޓެވެ. އޭގެތެރޭގައި އަދަބިއްޔާތާއި، ތާރީޚާއި، ހިސާބު ޢިލްމާއި، ތިމާވެށީގެ ޢިލްމުގެ އިތުރުން ފިލޯސަފީ އާއި އާޓް ހިމެނެއެވެ. 

ޤައުމީ ކުތުބުޚާނާ އަކީ "ކޮންފަރެންސް އޮފް ޑައިރެކްޓާސް އޮފް ނޭޝަނަލް ލައިބްރަރީ އިން އޭޝިއާ އެންޑް އޯޝޭނިއާ" ގެ މެމްބަރެކެވެ. އަދި ކުތުބުޚާނާގެ ބައެއް މުވައްޒަފުންނަކީ "ސްރީލަންކަން ލައިބްރަރީ އެސޯސިއޭޝަން" ގެ މެމްބަރުންނެވެ.

މިހާރު ކުތުބުޚާނާ ހުޅުވިފައި ހުންނަ ކޮންމެ ގަޑިއެއްގައި ފޮތް ކިޔުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެ އިތުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ޚާއްޞަ ސެކްޝަނަކުން، އެކުދިންނާ ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ލިބެން ހުރެއެވެ. ކުތުބުޚާނާގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ފަހަރަކު 2 ފޮތް ނުވަތަ ލިޔުން، 2 ހަފްތާގެ މުއްދަތަށް ނެގުމުގެ ފުރުޞަތު އޮވެއެވެ. ޒަމާނީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންޓަނެޓްގެ ޙިދުމަތާއި، ފޮޓޯކޮޕީ ނެގުމުގެ ޚިދުމަތް ވެސް މިހާރު ކުތުބުޚާނާ އިން ލިބެއެވެ.