ޚަބަރު

"ބައެއް މެމްބަރުން ޕީޕީއެމް ދޫކޮށްލީ ސަބަބެއް އޮވެގެނެއް ނޫން"


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ބައެއް މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއިން ވަކިވި މެމްބަރުން ވަކިވެވަޑައިގަތީ، ރައްޔިތުންނަށް ވެވަޑައިގެންނެވި މެނިފެސްޓޯއާއި ރައްޔިތުންގެ އުއްމީދުތައް އެއްފަރާތް ކުރެއްވުމަށްފަހުކަމަށެވެ. އެހެންކަމުން ޕާޓީން ވަކިވި މެމްބަރުން އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. 

ރައީސް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕުން މެމްބަރުންކޮޅެއް އެއްވެސް ސަބަބެއް ނެތި ވަކިވުމުން ހިތްދަތިކަމެއް ލިބޭކަމަށެވެ. ނަމަވެސް ޕީޕީއެމްގެ އަޒުމަށް އެއްވެސް ބަދަލެއް ނައިސް، ވަރުގަދަކަމާއެކު ކުރިއަށްދާނެކަމަށެވެ. 

ރައީސްގެ ވާހަކަފުޅުގައި ޕީޕީއެމްއިން ވަކިވި ހުރިހާ މެމްބަރުންނަކީވެސް ރައީސް ނަޝީދު ޖަލުގައި ބެހެއްޓުމަށް އެމަނިކުފާނު އަރިހުގައި އެދިވަޑައިގެން ބޭފުޅުންކަމަށާއި ނަމަވެސް މިއަދު ރައީސް ނަޝީދާއެކު އެބޭފުޅުން މަސައްކަތްކުރައްވާތަން ފެނުމުން ސުވާލު އުފެދޭކަމަށެވެ.