ސިއްހަތު

ޓާޝަރީ ހޮސްޕިޓަލާއެކު އުތުރުގެ ރައްޔިތުންނަށް އުފާވެރިކަން


އިއްޔެއަކީ، ރާއްޖޭގެ އެންމެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ތާރީޚީ ދުވަހެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެ ސަރަހައްދު މީހުން ދެކެމުން އަންނަ ހުވަފެނުގައި ކުލަޖެހެން ފެށި ދުވަހެވެ. މިއަދު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް އިންޑިޔާގެ ނޫރުލް އިސްލާމް ކުންފުންޏާއި ހަވާލުކޮށްފައެވެ. 

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ މާލެއިންވެސް ލިބެން ނެތް ގިނަ ޚިދުމަތްތަކެއް ހޮސްޕިޓަލްގައި ޤާއިމް ކުރުމަށް ނިންމާފައިވުމެވެ. 

ހޮސްޕިޓަލް ތަރައްޤީކުރާނެ ގޮތުގެ، ޕްލޭނެއް ކަނޑައަޅާފައިވާއިރު، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، އަވައްޓެރި ޤައުމުތަކަށް ނުގޮސް، މަތީ ފެންވަރުގެ ސިއްޙީ ފަރުވާގެ ޚިދުމަތްތައް ކުޅުދުއްފުށިން ލިބިގެންދާނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރާ ގޮތުގެ ޕްލޭންގައި ހިމެނޭ ކަންތައްތަކަށް ބަލާލާއިރު، މިވަގުތު މާލެ ސަރަޙައްދުން ލިބެން ނެތް ގިނަ ޚިދުމަތްތަކެއްވެސް ހިމެނެއެވެ. ޚާއްސަކޮށް ބޯންމެރޯ ޓްރާންސް ޕްލާންޓޭޝަން ފެސިލިޓީގެ ހިދުމަތް ފާހަގަކޮށްލެވެއެވެ. މި ފެސިލިޓީއާއެކު ބައިނަލްއަގްވާމީ ފެންވަރުގެ ތެލަސީމިއާ ސެންޓަރެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14997531634920.jpg|ޓާޝަރީ ހޮސްޕިޓަލެއް / ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ހަވާލުކޮށްފައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމަށް 2 އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ނޫރުލް އިސްލާމް ކުންފުނިން ބުނެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ ޕްލޭނަށް ބަލާލާއިރު، ފުރަތަމަ 30 ދުވަހުގެ ތެރޭގައި އާންމު ބަލިތަކުގެ ފަރުވާދެއްވާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފަށާއިރު، މި މުއްދަތުގެ ތެރޭގައި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ނަރުހުންނަށް ހައްސަ ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ފުރަތަމަ 90 ދުވަސްތެރޭގައި އޮޕަރޭޝަން ތިއޭޓާރ އަޕްގްރޭޑްކޮށް، ކަކޫ އަދި ހިޕް ރިޕްލޭސްމެންޓްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވެއެވެ. އަދި ނާރުގެ ސާޖަރީއާއި ފުއްޕާމޭގެ ސާޖަރީގެ ހިދުމަތް މި މުއްދަތުގެ ތެރޭގައި ފެށުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން ސީޓީ ސްކޭން ކުރުމާއި، އެމްއާރުއައިގެ ހިދުމަތުގެ އިތުރުން ނިއުރޮލޮޖީ، ކާޑިއޮލޮޖީ، ގޭސްޓްރޯވް އަދި ޔޫރޮލޮޖީ ސުޕަރ ސްޕެޝިލިޓީގެ ޑޮކްޓަރުންގެ ހިދުމަތް ތައާރަފްކޮށް، 90 ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ތެލަސީމިއާ ސެންޓަރެއްވެސް ގާއިމްކުރެވޭނެއެވެ.

240 ދުވަހުގެ ތެރޭގައި ހާސިލް ކުރުމަށް ނިންމާފައިވާ ކަންތައްކަށް ބަލާލާއިރު، ހޮސްޕިޓަލަށް 50 އެނދު އިތުރު ކުރުން ހިމެނެއެވެ. މިއާއެކު ހޮސްޕިޓަލްގެ އެނދުގެ އަދަދު 100 އަށް އަރާނެއެވެ. ހިތުގެ ބަލިތަކަށް ހާއްސަ ކެތުލެބްގެ ހިދުމަތާއި ބޯންމެރޯ ޓްރާންސް ޕްލާންޓޭޝަން ފެސިލިޓީގެ ހިދުމަތްވެސް 240 ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހެލެތް މިނިސްޓްރީން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/14997005710807.jpg|ކުޅުދުއްފުށި ހޮސްޕިޓަލް އިންޑިއާގެ ނިމްސްއާ ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

480 ދުވަހުގެ ތެރޭގައި އިތުރު 50 އެނދު އިތުރުކޮށް، 150 އެނދުގެ ހޮސްޕިޓަލަކަށް ތަން ބަދަލުވާނެއެވެ.  އެއަށްފަހު ނޫރުއިސްލާމިކް އިންޓަނޭޝަނަލް ކޮލެޖް އޮފް އެޑިއުކޭޝަންގެ މަސައްކަތް ފަށާ ކެންސަރު ފައުންޑޭޝަންގެ މަސައްކަތްވެސް ފެށުމަށް ހަމަޖެހިފައިވެއެވެ.

އައި.ޖީ.އެމް.އެޗް ނެގުމަށްފަހު، އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެއެވެ. އަހަރެއްގެ މައްޗަށް ހަތްދިހަ ހާސް ބަލިމީހުނަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދާއިރު މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުމުން، ސިއްޙީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެ، އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ރާއްޖެއިން ބޭރަށް ނުގޮސް، ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް ހެލެތް މިނިސްޓްރީން ބުނެއެވެ.  

މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ވިޔަސް، ކުޅުދުއްފުށީ ހޮސްޕިޓަލުން ހުސްނުވާ އާސަންދައިން ޚިދުމަތް ލިބޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ.