ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަކީ ހިތާމައެއް- ޤަތަރު


ގަލްފުގެ ތިން ގައުމާއި މިސްރުން ޤަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދިނުމުން އެކަމާމެދު ޤަތަރުން ހިތާމަފާޅުކޮށްފިއެވެ.

ޤަތަރުގެ ޚާރިޖީ ވުޒާރާއިން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމުމަކީ ދެރަކަމެއް ކަމަށެވެ. އަދި ގަތަރުގެ މިނިވަންކަމާއި ސިޔާދަތާ ފުށުނާރާ ގޮތަށް، މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ތައްޔާރަށް އޮތްކަމަށްވެސް ޤަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައިވެއެވެ.

ގަލްފުގެ ތިން ގައުމާއި މިސްރުން ޤަތަރާ ގުޅުންތައް ކަނޑާލައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތުތަކެއް ޤަތަރުގެ މައްޗަށް ކުރުމަށްފަހުއެވެ.

އެ މައްސަލަ ހައްލުކުރުމަށްޓަކައި ގަލްފުގެ ތިން ގައުމާއި މިސްރުން ދެފަހަރެއްގެ މަތިން ހުށަހެޅި ހުށަހެޅުންތަކަށް އިޖާބަދިނުމަށްވެސް ޤަތަރުގެ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

ގަލްފުގެ ތިން ގައުމާއި މިސްރުން ހުކުރުދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި، ޓެރަރިޒަމަށް އެހީތެރިވެ، އަރަބި ގައުމުތަކުގެ ހަމަޖެހުމާއި ސުލްޙަ ނަގާލުމަށް ގަތަރުން މަސައްކަތް ކުރާކަމަށް ބުނެ، އެ ގައުމުތަކުން ޤަތަރު ސަރުކާރުގެ މައްޗަށްކުރާ ތުހުމަތުތައް ތަކުރާރުކޮށްފައިވެއެވެ.