ކުޅިވަރު

ނިއު ވިކްޓްރީގެ އެެއްވެސް މެޗަކީ ސަމާސާއެއްނޫން - ސުޒޭން


ނިއުރޭޑިއަންޓާއި ވިކްޓްރީގެ ކުރިމަތިލުމަކީ އެއްވެސް އިރެއްގައި ސަމާސާއެއް ނޫންކަމަށް ވިކްޓްރީގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއުރޭޑިއަންޓާ ވިކްޓްރީ ބައްދަލުކުރާ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ސުޒޭންބުނީ މިދެޓީމަކީ ތާރީޚްގައިވެސް ވަރަށް ވާދަވެރި ދެޓީމް ކަމަށާއި މި ދެޓީމްގެ ކުރިމަތިލުމަކީ އަބަދުވެސް ވަރަށް ފޯރިގަދަ ކުރިމަތިލުމެއް ކަމަށެވެ. މިމެޗް ސުޒޭނަށްވެސް ވަރަށް ބޮޑަށް ޚާއްސަވެގެން ދާކަމަށާއި، ސަބަބަކީ ނިއުރޭޑިއަންޓް އެންމެ ގިނައިން ބަލިކުރި ލޯކަލް ކޯޗަކީ އޭނާކަމަށް ޤަބޫލުކުރާތީކަމަށެވެ. ނަމަވެސް ގަދަހަތަރެއްގެ ރޭހުގައި ޕްރެޝަރ އޮތީ ވިކްޓްރީއަށް ކަމަށާއި، އެޕްރެޝަރގައި މިފަދަ މެޗަކަށް ނިކުންނަން ޖެހުމަކީވެސް ލިބުނު ހިތްވަރެއް ކަމަށެވެ. ނިއުރޭޑިއަންޓަކީ ވޭތުވެދިޔަ ދިގު މާޒީގައި ވިކްޓްރީގެ އެންމެ ގާތް ވާދަވެރިޔާ ކަމަށާއި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭނަމަ ވިކްޓްރީގެ ސަޕޯޓަރުންވެސް ދަނޑަށްދާނީ އުއްމީދުތަކަކާއި އެކުކަމަށް ސުޒޭންބުންޏެވެ.

" ނިއުރޭޑިއަންޓަކީ އަވަދުވެސް ބިކްޓްރީގެ އެންމެ ގާތް ވާދަވެރިޔާ. ޚުދު އަޅުގަނޑުވެސް އެންމެ ވާދަކޮށްލަން ބޭނުންވާ ކްލަބް. އަޅުގަނޑު އެކްލަބަކަށް އެންމެ އިޙްތިރާމް ކުރާ ކްލަބް. އަދި ނިއުރޭޑިއަންޓަކީވެސް އަޅުގަނޑަށް އަބަދުވެސް އިޙްތިރާމް ކުރާ ކްލަބެއް. އަނެއްކޮޅުން ވިކްޓްރީއަކީ އަޅުގަނޑު އެންމެ ލޯބިވާ ކްލަބް. އެހެންކަމުން ކޮންމެ ޙާލެއްގައި އޮތްނަމަވެސް މި ދެޓީމް ކުޅޭނަމަ ފޯރި ގަދަވާނެ. އުއްމީދަކީ މިފަހަރުވެސް މިދެޓީމްގެ ކުރިމަތިލުމުގައި ރީތި ފުޓްބޯޅައެއް ފެނުން. " ވިކްޓްރީގެ ކޯޗް ޢަލީ ސުޒޭން ބުންޏެވެ.

ނިއުރޭޑިއަންޓްގެ އާކޯޗް އޮސްކާ ބްރޫޒަންބުނީ މަޑުމަޑުން ރާއްޖޭގެ ފުޓްބޯޅަ ދަސްވަމުން އަންނަކަމަށާއި ވިކްޓްރީއާ ދެކޮޅަށް ނިކުންނަން ނިއުރޭޑިއަންޓްގެ ކުޅުންތެރިން ތިބީ ވަރަށް ކޮންފިޑެންސާއެކު ކަމަށެވެ. އަދި ވިކްޓްރީއަކީ ނިއުރެޑިއަންޓްގެވެސް އެންމެ ވާދަވެރި ޓީމްކަން މިހާރު އިނގޭކަމަށާއި އެހެންކަމުން މިދެޓީމްގެ ކުރިމަތިލިމަށް ވީހާވެސް ގިނަ ސޕޯޓަރުން ދަނަޑަށްގޮސް ޓީމަށް ހިތްވަރު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. މާލޭ ލީގަކީ ކުރިން ހީކުރިވަރަށްވުރެ ވަރުގަދަ ލީގެއް ކަމަށާއި މިވަރުގެ ލީގެއްގައި ވާދަވެރިކަން އިތުރުކުރެވޭނީ ސަޕޯޓަރުންގެ އެހީއާއެކު ކަމަށް ނިއުރޭޑިއަންޓްގެ ކޯޗް ބްރޫޒަންބުންޏެވެ.

" އަހަރެން މިއަންނަނީ ރާއްޖޭގެ ފުޓްބޯޅަ ދަސްކުރަމުން. ވަރަށް ރަނގަޅަށް ދިވެހި ފުޓްބޯޅަ އެބަ އިނގޭ. ވިކްޓްރީ އެންމެ ފަހުން ކުޅުނު މެޗްވެސް ބަލައިލިން. އެއީ އާދައިގެ ޓީމެއްނޫން. އެޓީމް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އަހަންނަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި މި ދެޓީމަކީ ރާއްޖޭގެ ތާރިޚްގައި އެންމެ ވާދަވެރި ދެޓީމް. އެހެންކަމުން އުއްމީދަކީ މިމެޗަކީ ރީތި ފުޓްބޯޅައެއް ފެންނާނެ މޮޅު މެޗަކަށް ވެގެންދިއުން. އަހަރެންގެ ކުޅުންތެރިންތިބީ ވަރަށް ފޯރީގައި. " ނިއުރޭޑިއަންޓްގެ އާކޯޗް އޮސްކާ ބްރޫޒަން ބުންޏެވެ.

މި ދެޓީމް ވާދަކުރާ މެޗް ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ. މިމެޗް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.