ކުޅިވަރު

ބާރު ދުވުންތެރިޔާ ސާއިދު އޭޝިޔާގެ 4 ވަނައަށް


އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރ ދުވުމުން 4 ވަނަ ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ހޯދައިފިއެވެ.

 ސާއިދު އޭޝިޔާގެ 4 ވަނަ ހޯދީ އިންޑިޔާގެ އޮޑިޝާގައި ކުރިޔަށްދާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އޭޝިޔާގެ އެންމެ ވަރުގަދަ ދުވުންތެރިންނާ ވާދަކޮށް 10:37 ސިކުންތުންނެވެ. މި އިވެންޓްގެ 1 ވަނަ ގެންދިޔައީ އިރާންގެ ދުވުންތެރިއެކެވެ. 2 ވަނަ ހޯދީ ޤަތަރުގެ ދުވުންތެރިއެކެވެ. 

މީ މިހާތަނަށް އޭޝިޔާ ސަރަޙައްދުގެ މުބާރާތަކުން ރާއްޖޭގެ އެތްލީޓަކު ހޯދި މިފަދަ ފުރަތަމަ ކާމިޔާބީއެވެ. މުޅި އޭޝިޔާގެ 4 ވަނައަށް އެންމެ ބާރު ދުވުންތެރިޔާގެ މަޤާމް ޙަސަން ސާއިދު ހޯދާ ޤައުމަށް ރީތިނަން ހޯދައިދިނުމުން ގިނަބަޔަކު އަންނަނީ ސާއިދަށް މަރުޙަބާ ކިޔަމުންނެވެ. ސާއިދުވަނީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަންމެޑަލް ހޯދާފައެވެ. ސާއިދުގެ އިތުރުން މިހާރު ރާއްޖޭގައި ހުރި އެންމެ ބާރު އަންހެން ދުވުންތެރިޔާ ވެސްވަނީ އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި ވާދަކޮށްފައެވެ. މީ ރާއްޖޭގެ އަންހެން ދުވުންތެރިއެއް މިފަދަ ބޮޑު މުބާރާތެއްގެ ސެމީފައިނަލަށް ދަތުރުކޮށް ދުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.