ޚަބަރު

ލިބިފައިވާ ތާއީދު ވިޔަފާރިއަށް ބޭނުން ކުރުމަކީ ހައްޤު ގޮތްތޯ؟!


ރައްޔިތުންގެ ރުހުމާއި ތާޢީދު ލިބިފައިވާ ބޭފުޅަކު، އެ ބޭފުޅަކަށް ލިބިފައިވާ ތާޢީދު، އެވަގުތަކު ބޭނުންވާ މާލީ ނުވަތަ ސިނާއީ ބޭނުންތަކަށް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަކީ ހައްޤު ގޮތްތޯ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްވަފައިފިއެވެ.

އެކަމަނާ މި ސުވާލު އުފައްދަވާފައިވަނީ ފޭސްބުކްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ. އާޒިމާ ވިދާޅުވީ އެއް އިރެއްގައި މޭޒުގެ ދެފަރާތުގައި ތިއްބެވި ބޭފުޅުން އެއްފަރާތަކަށް އަރާވަޑައިގަންނަވާއިރު، ދިވެހި ދައުލަތުގެ ޚާރިޖީ ސިޔާސަތާއި، ބޭރުގެ މީހުންނަށް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމާއި، ދިވެހި ޤައުމާއި އިސްލާމްދީނުގެ ވަޙުދަތު އޮންނަންވާ ގޮތާބެހޭ ގޮތުން، އެއްބަސްވެފައިވާ ގޮތަކީ ކޮބައިތޯވެސް ސުވަލުކުރުމަކީ ހަމަ އެންމެ ޖާއިޒު ކަމެއްކަމަށެވެ.

ޤައުމެއްގެ ރައްޔިތުންނަށް އަދި ޤައުމަކަށް އެންމެ ފައިދާހުރި ގޮތަކީ ޤައުމު ހަލަބޮލި ކޮށްލުންތޯވެސް އާޒިމާގެ ފޭސްބުކް ސްޓޭޓަސްގައި ސުވާލު ކުރައްވާފައިވެއެވެ. ގިނަ ސުވާލުތަކެއް އުފައްދަވަމުން އާޒިމާ ވިދާޅުވީ، ރައްޔިތުންގެ ރުހުމާއި ތާޢީދު ލިބިފައިވާ ބޭފުޅަކު އެ ތާޢީދު އެބޭފުޅަކު އެވަގުތުގައި ބޭނުންވާ މާލީ ނުވަތަ ސިނާޢީ ބޭނުމަށްޓަކާ ވިޔަފާރި ކުރުމަކީ ވެސް ހައްޤު ގޮތްތޯ ސުވާލުކުރައްވާފައެވެ.

ޤައުމުގެ ހުރިހާ ރައްޔިތުން ތަރައްޤީއާއި އަމިއްލަ ދިރިއުޅުމާ އަދި އާއިލީ އަދި އިޖުތިމާޢީ ގުޅުންތައް ދޫކޮށްލާ، ސިޔާސީ ކޯޅުމާއި އެކަކު އަނެކަކަށް ރައްދު ދިނުމުގައި ހުރިހާ ވަގުތެއް ހޭދަކުރުމަކީ މިއަދު މިޤައުމަށް އެންމެ ފައިދާ ހުރި ގޮތްތޯ މިއީވެސް ކުރަން ރަނގަޅު ސުވާލެއްކަމަށް މިނިސްޓަރ އާޒިމާ ވިދާޅުވެފައިވެއެވެ.

2004 ވަނަ އަހަރުގައި ފެށުނު އިސްލާހީ ޕްރޮގްރާމާއި، 2008 ވަނަ އަހަރު ގެނެވުނު ޤާނޫނު އަސާސީގެ އަމާޒަކީ، ޤައުމަށް ހަމަނޭވާލާނެ ފުރުޞަތެއް ނުލިބި އެންމެން އަބަދު ކޯޅުމުގައި އުޅުންތޯވެސް އާޒިމާ ސުވާލު ކުރައްވާފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން އާޒިމާ ލިޔުއްވި ލިޔުވުން ނިންމަވާލެއްވީ ސިޔާސީ ބާރާ ނުފޫޒު ހުރި ފަރާތްތަކުން ހިތްހަމަ ނުޖެހުމުން ޤައުމު ހަލަބޮލި ކުރެވޭގޮތަށް ޤައުމުގެ ސިޔާސީ އޮނިގަނޑު އޮތުމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތްތޯ ސުވާލު ކުރައްވަމުންނެވެ.