އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާގެ އެއްބަސްވުމެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.
މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު"ގެ މައްޗަށް ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ދެން ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކުރިއަށް ގެންދާ "ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގައެވެ.
މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުކާއު ޢަބްދުލް ޙަކީމްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާއެވެ.