ހޮންގް ކޮންގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި އިންޑިއާ އަތުން މޮޅުވެއްޖެއެވެ.
މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ ދެ މެޗުން ސިންގަޕޫރު އަދި މެލޭޝިއާ އަތުން ވަނީ ބަލިވެފައެވެ.
ސަރަހައްދީ ނެޓްބޯޅައިގެ ގަދަ ދެ ބާރާ ދެކޮޅަށް ކުޅެ ބަލިވިނަމަވެސް، އުއްމީދު ކަނޑާނުލައި ކުރި މަސައްކަތުން މުބާރާތުގައި ކުޅުނު ތިންވަނަ މެޗުގައި މިއަދު އިންޑިއާ އާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 41-60އިންނެވެ.
މެޗުގެ ކުއާޓަރތައް ރާއްޖެއިން ކާމިޔާކުރި ގޮތަށް ބަލާއިރު ފުރަތަމަ ކުއާޓަރުން ރާއްޖެ މޮޅުވީ 9-12އިންނެވެ. އަދި ދެވަނަ ކުއާޓަރު 8-18އިން ގެންދިޔައިރު ތިންވަނަ ކުއާޓަރުން މޮޅުވީ 13-15އިންނެވެ. އަދި ފަހު ކުއާޓަރުގައި ރާއްޖެ މޮޅުވީ 11-15އިންނެވެ.
މެލޭޝިއާ އަކީ އޭޝިއާ ސަރަހައްދުގެ ނެޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. މި ސަރަހައްދުގައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ޓީމުގެ ގޮތުގައި ފާހަގަކުރެވެނީ ރާއްޖެއިން ފުރަތަމަ މެޗުގައި ދެކޮޅަށް ކުޅެން ޖެހުނު ސިންގަޕޫރާއި ދެވަނަ މެޗުގައި ވާދަކުރި މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.
މި ތިން ޓީމަކީ 1985ވަނަ އަހަރު ބޭއްވި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަަމަ މުބާރާތުން ފެށިގެން ގަވައިދުން، މުބާރާތުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެވެ.
މުބާރާތުގައި ރާއްޖެއަށް ދެން ކުރިއަށް އޮތީ އަންގާރަ ދުވަހު ހޮންގް ކޮންގާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަންގާރަ ދުވަހުގެ 16:00 ގައި ހޮންގް ކޮންގާ ދެކޮޅަށް ނުކުންނައިރު ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.
ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޤައުމީ ޓީމުން ޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރަން މި ޖެހެނީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ ވަރުގަދަ ބާރުތަކަކާއެވެ.
ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.