ޓުއަރިޒަމް

ޓީޓީއެމް ފެއަރގެ ޝަރަފްވެރި މެހެމާނަކަށް ޓުއަރިޒަމް މިނިސްޓަރ


ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ފެއަރ, ޓީޓީއެމްގެ ޝަރަފްވެރި މެހެމާނަކަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ހަމަޖައްސަވައިފިއެވެ. 

މި ފެއަރ ކުރިޔަށް ދާނީ މިމަހުގެ 12 އަދި 13 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ، ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ގުޅުވާލުމަށް ކުރިއަށް ގެންދާ ފެއަރއެކެވެ. 

ޓީޓީއެމް ފެއަރގެ ތެރެއިން ތަފާތު އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެގޮތުން ފެއަރގެ ފުރަތަމަ "ޓޫރިޒަމް ކެރިއަރ ފެއަރ"އަކާއި، ހޮޓަލިއަރ ސަމިޓާއި، ޕާޓާއިން ބާއްވާ ޓްރެނިންގ ހިމެނެއެވެ.

ޓީޓީއެމްގެ ގާލާ ނައިޓް ބާއްވަން ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. ގާލާ ނައިޓުގައި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލް އެޑިޝަންގެ އެވޯޑު ލިބޭ ފަރާތްތައް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޓީޓީއެމްގައި ބައިވެރިވުމަށް މިހާރު ސަތޭކައަށް ވުރެ ގިނަ ރިސޯޓުންވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މި ފެއަރއަށް ސަތޭކަ ފަންސާހަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުން ޒިޔާރަތްކުރާނެ ކަމަށް ވަނީ މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.