ތިމާވެށި

އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ބަލަނީ


ރާއްޖޭގެ ޢިމާރާތް ކުރުމުގެ ސިނާޢަތަށް ފައިސާ ދޭ މާލީ އިދާރާތަކުން، ފައިސާ ދިނުމުގައި ތިމާވެއްޓާ ރަޙުމަތްތެރި ޓެކްނޮލޮޖީ ބޭނުން ކުރުމަށް އިސްކަންދޭ މިންވަރު ބެލުމުގެ ދިރާސާއެއް ކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީން ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވެއްޖެއެވެ.

މި ދިރާސާގެ އަލީގައި ލިބޭ މައުލޫމާތު ބޭނުންކޮށްގެން ޢިމާރާތް ކުރުމުގެ ދާއިރާގައި ސާފު ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުމަށް މާލީގޮތުން ލުއި ފަސޭހަ ގޮތްތަކެއް ތައާރަފްކުރައްވާނޭކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގެ ސޮއި ކުރެއްވުމަށްފަހު، އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވީ، ޖައްވަށް ބޭރުކުރާ ނުރައްކާތެރި ވިހަ ގޭސްތައް އެންމެ ބޮޑަށް ބޭރުވަނީ ޢިމާރާތް ކުރުމުގެ ތެރޭގައިކަމަށާއި މިފަދަ މުހިންމު ދިރާސާއެއް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއްކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުޙައްމަދު ލަތީފް ވިދާޅުވީ އެޔުނިވަރސިޓީގެ ސިޔާސަތަކީ ޤައުމަށް ބޭނުންވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި ބައިވެރިވުން ކަމަށެވެ. ޤައުމަށް ބޭނުންތެރި މިފަދަ ދިރާސާތައް ކުރުމުގައި ޤައުމީ ޔުނިވަސިޓީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ޑރ ލަތީފް ވިދާޅުވިއެވެ.

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ބެލުމަށް ކުރާ ދިރާސާއަކީ، އދ ގެ ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން ހަދާ ދިރާސާއެކެވެ.