ތަރައްްޤީ

ބްރިޖުގެ ސްޕަރ ސްޓްރަކްޗަރގެ މަސައްކަތް މާދަމާ ފަށަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ގެ މަތީޑެކް ނުވަތަ ސްޕަރ ސްޓްރަކްޗަރ އެތުރުމަށް ބޭނުންވާ ބީމްތައް އެތުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިޒް ވިދާޅުވީ ބްރިޖްގެ މަސައްކަތް މިހާރުވެސް ކަޑައަޅާފައިވާ ތާރީޚަށްވުރެ އެއްމަސްދުވަސް އަވަސްކަމަށެވެ.

ހުޅުލެއާއި މާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޑެކް ނުވަތަ ސްޕަރ ސްޓްރަކްޗަރގެ ބީމްތައް އެތުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެކަމަށް ބޭނުންވާ ބީމްތަކުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. ބްރިޖްގެ މާލޭ ސައިޓުން މި މަސައްކަތް ފަށާއިރު ބައެއް ބީމްތަށް މިހާރު ނިމިއިވާކަން ފާހަގަކުރެވެއެވެ. ބްރިޖްގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށްފަހު ހައުސިންގް މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ބްރިޖްގެ ޑެކް ނުވަތަ ސުޕަ ސްޓްރަކްޗާގެ މަސައްކަތުގައި މާދަމާއަކީ ފުރަތަމަ އައިބީމް ބާއްވާ ދުވަސް ކަމަށާއި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށްދާއިރު  މަސައްކަތުގެ ކޮލިޓީ ވަރަށް ފުރިހަމައަށް މޮނިޓާކޮށް ބަލަމުން އަންނަ ކަމަށާއި ފުރިހަމަ ބުރިޖެއްގެ ގޮތުގައި އެންމެ ލަސްވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބްރިޖް ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ދާ ސްޕީޑްގައި ދާނަމަ ޖުލައި 26 އަށް ނިންމާނެ ކަމަށާއި އެއީ ރާއްޖޭގެ މިނިވަން ދުވަހަށްވުމުން މިމަސައްކަތުގައި ޝާމިލުވެ އޮތް ފަރާތުން ވެސް އެކަމަށް ބޭނުންވާ ކަމަށް މިނިސްޓަރ މުއިޒް ވިދާޅުވިއެވެ.

ބްރިޖްގެ މަސައްކަތަކީ ގިނަ ތަޙުލީލްތަކެއް ކުރެވިގެން ކުރިޔަށްދާ މަސައްކަތެއް ކަމަށާ މިބްރިޖްގައި ބޭނުންކުރާ ސާމާނާއި މެޓީރިއަލްތަކަކީވެސް ޗައިނާގައި އަޅާފައިވާ މައްޝޫރު ބްރިޖްތަކުގައިވެސް ބޭނުންކޮށްފައިވާފަދަ އަލާތްތައްކަމަށް މަސައްކަތް ކުރަމުންގެންދާ ކުންފުނިންވަނީ ބުނެފައެވެ. ރާއްޖޭގައި ކުރެވޭ އިންޖިނިއަރިންގެ އެންމެ ބޮޑު މި މަސައްކަތުގައި 1000 ވުރެ ގިނަ މަސައްކަތްތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.