ރިޕޯޓް

ހިޔާގައި ތިބޭކުދިންގެ ކުރިމަގަށް މުހިންމު ފިޔަވަޅުތަކެއް!


ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް 18 އަހަރު ފުރޭއިރު އެކުދިންނަށް ވަޒީފާ ހޯދައިދީ އެކުދިންނަށް އުފާވެރިދިރިއުޅުމަކަށް ފަހި ކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ،އެމްއެންޑީއެފާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ހިޔާގައި ތިބޭ ކުދިންނަށް އަމާޒުކޮށް ކުރިޔަށްގެންދާ މަލްޓިމީޑިއާ ކޯހުގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ޙަފްލާއެއްގައި ހިޔާގެ ކުދިންނާއި މުޚާޠަބް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގުޅިގެން މިދިޔަ އެޕްރީލް މަހު ވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ޢާމާޒުކޮށް މަލްޓިމީޑިއާ،ވެބްޑިޒައިނިންގް އަދި ސްކިލް ޓްރެއިނިންގް ކޯހެއް ފައްޓާފައެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ލެވެލް ތިނެއްގެ މިކޯހުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ތެރެއިން އުމުރުން ބާރައަހަރުން މަތީގެ 22 ކުދިން ބައިވެރިވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. 

މިކޯހުގައި އެޕްލައިންގް އިފެކްޓްސް،އެނިމޭޝަން،ކޮރެލްޑްރޯ އެޑޯބް ފޮޓޯ ޝޮޕްގެ އިތުރުން އެޑޯބްޕްރެމިއަރ ބޭނުންކުރާނޭ ގޮތް މިކުދިންނަށް ދަސްކޮށްދެއެވެ. މިކޯހުގެ ފުރަތަމަ ސެމިސްޓަރ ނިމި އިއްޔެ ވަނީ ކޯހުގެ ކުދިންގެ މަސައްކަތް، މިނިސްޓްރީގެ ބޭފުޅުންނަށާއި ކުދިން ކިޔަވަމުންދާ މުހްޔިއްދީން ސްކޫލްގެ އިސް ފަރާތްތަކަށް ދައްކާލާފައެއެވެ. ކޯހުގައި ކުދިންނަށް ނަފްސާނީ އެހީތެރިކަން ދެމުންދާއިރު، ޙަފްލާތަކާއި އިވެންޓްތައް އިންތިޒާމްކޮށް ،ރޭވުމުގެ ކަންކަންވެސް ދަސްކޮށްދެއެވެ. 

އިއްޔެގެ އެކުދިންގެ މަސައްކަތް ދައްކާލުމަށް ބޭއްވި ޙަފްލާ ތައްޔާރުކޮށްފައި ވަނީ އެކުދިން އަމިއްލަޔަށް ކަމަށް ކޯސް ކުރިޔަށްގެންދާ މުދައްރިބުން ވިދާޅުވިއެވެ. ޖެންޑަރ މިނިސްޓްރީގެ ކޯޑިނޭޓަރުންނާއި ، އެމްއެންޑީއެފްގެ ފަންނީ ބޭފުޅުން މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވާއިރު، މިބޭފުޅުން މި ކުދިން ފާހަގަ ކުރަނީ ވަރަށް ހުނަރުވެރި ކުދިންތަކެއްގެ ގޮތުގައެވެ. 

މި ޙަފްލާގައި ކޯހުގެ ބައިވެރިވެރިން ފަރާތުން ވާހަކަދެއްކި ކުއްޖަކު ބުނީ،މިފަދަ ފުރުޞަތުތަކެއް އެކުދިންނަށް ފަހިކޮށްދޭތީ ވަރަށް އުފާވާކަމަށެވެ. އަދި އެކުދިންގެ ކުށެއްނެތި މައިންބަފައިންނާއި،ޢާއިލާއިން އެކުދިންނަށް ހިތާމަވެރި ގޮތްތައް ދިމާވެ ހިޔާގައި އުޅެން ޖެހުނު ނަމަވެސް ،އެކަމާ މިހާރު ފަރުވާލެއް ނެތް ކަމަށެވެ. އަދި އެކަން އެހެން ވިނަމަވެސް ހިތްވަރު އެލުވާނުލާ ދިރިއުޅުމާއިގެން ކުރިޔަށް ދިއުމުގެ ޢަޒުމް ވަރުގަދަ ވެގެން ހިގައްޖެކަމަށެވެ. 

ކުދިންގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ކުދިންނާއި މުޚާޠަބް ކުރައްވާ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ،ހިޔާގެ ކުދިންނަކީ އެކި ދާއިރާތަކުން ކުރިޔަށް ދިއުމުގެ ޤާބިލްކަން ހުރި ކުދިން ކަމުގައި ޤާބޫލް ފުޅުކުރައްވާކަމަށެވެ. އެހެންކަމުން އެކުދިން 18 އަހަރަށް ފުރުމަށްފަހު ވަޒީފާއަށް މަގުފަހި ކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އަހަމިއްޔަތުކަމެއް ދެއްވާކަމެއްކަމަށެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުމުރުން 10 އަހަރާއި 18 އަހަރާދެމެދުގެ 66 ކުދިން މިވަގުތު ދިރިއުޅެމުންދެއެވެ.