ކުޅިވަރު

ނިއުރޭޑިއެންޓް ޕްރިމިއަރ ލީގުގެ ޖާގައަކާ ކައިރިއަށް ޖެހެލައިފި


ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިވެހި ޕްރިމިއާރ ލީގުގެ ޖާގައަކާ ކައިރިއަށް ޖެހިލައިފިއެވެ. ޕްރިމިއަރ ލީގުން ޖާގައަކާ ކައިރިއަށް ނިއުރޭޑިއެންޓުން  ޖެހިލީ މިއަދު ހަވީރު ޔުނައިޓަޑް ވިކްޓްރީއާއި ވާދަކޮށް އެޓީމް މެޗް ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ކާމިޔާބުކުރުމާއި ގުޅިގެން ނިއުވަނީ ތާވަލްގެ އެއްވަނާގައިވާ މާޒިޔާއާއި ޕޮއިންޓަކާއި ކައިރިއަށް ޖެހިލާފައެވެ. ކުރިއަށް އޮތް ތިން މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ނިއުއަށް ޕްރިމިއަރ ލީގުގެ ޖާގަ ޔަޤީން ކުރެވޭނެއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އަލަށް ހަވާލްވި ކޯޗް އޮސްކާ ބުރޫޒަންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗްގެ ފުރަތަމަ ހާފްގައި ނިއުއިން މޮޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ނިއުއަށް ކާމިޔާބުކޮށްދިނީ ގަލާޑޯއެވެ. ގަލާޑޯގެ މިލަނޑަށްފަހުވެސް ނިއުއިން ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައިވެއެވެ. މެޗްގެ ދެވަނަ ހާފްގައި ޔުނައިޓަޑް ވިކްޓްރީގެ ކުޅުންތެރިންނަށްވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސުތު ލިބިގެންދިޔަކަން ފާހަގަކޮލެވެއެވެ. މެޗް ނިމެން ދަނިކޮށް ނިއުގެ ލީޑް އިތުރަށް ފުޅާކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު ސުހެއިލްއެވެ. މިމެޗް ނިމެންދަނިކޮށް ނިއުގެ ގަލާޑޯ އަދި ހަމްޒާއަށްވެސް ގޯލް ޖަހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. 

މެޗަށްފަހު ނިއުގެ ކޯޗް އޮސްކާ ބުރުޒަންބުނީ ޕްރިމިއާރ ލީގަށް ކޮލިފައިވުމުން ހިންހަމަޖެހޭކަމަށާއި ނަމަވެސް އެންމެ ބޮޑު އަމާޒްއަކީ ލީގާއި ޕްރިމިއާރ ލީގުގައި ކުޅޭ ހުރިހާ މެޗަކުން މޮޅުވުންކަމަށެވެ. އަދި މިއީ ނިއުގެ ފެށުންކަމަށް އޮސްކާ ބުރުޒަން ބުންޏެވެ.



ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހުބުނީ މެޗްގައި ޔުނައިޓަޑް ވިކްޓްރީއަށް ޕޮއިންޓެއް ހައްގުކަމަށެވެ. އަދި ނިއުއިން ޖެހި ފުރަތަމަ ލަނޑަކީވެސް ޔުނައިޓަޑް ވިކްޓްރީގެ ކުޅުންތެރިން ފަސޭހަކޮށްލުމުގެ ސަބަބުން ކާމިޔާބު ކުރެވުނު ލަނޑެއެއްކަމަށް ނަޒީހު ބުންޏެވެ. މެޗްގެ ފަހުކޮޅުގައި ފެނިގެންދިޔައީ ނިއުގެ މޮޅުކަން ނޫންކަމަށާއި ވަކިވަކި ކުޅުންތެރިންގެ މޮޅުކަން ކަމަށްވެސް ނަޒީހުބުންޏެވެ.



އެސްޓީއޯ މާލޭ ލީގް ތާވަލްގެ އެއްވަނާގައި 25 ޕޮއިންޓްއާއި އެކު މާޒިޔާ އޮތްއިރު، 24 ޕޮއިންޓާއި އެކު ނިއު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. ތަވާލްގެ ތިންވަނާގައިވާ އީގަލްސްއަށް 20 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ހަތަރުވަނާގައިވާ ގްރީން ސްޓްރީޓްއަށް 18 ޕޮއިންޓް ލިބިފައިވެއެވެ.