ތަޢުލީމު

މަހުންމަހަށް ފައިސާ ދެއްކޭ އިންތިޒާމް ވިލާ ކޮލެޖުން ހަމަޖައްސަނީ


ވިލާ ކޮލެޖުގައި ޑިގްރީއާއި މާސްޓަރސް ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އިންސްޓޯލްމަންޓް އުސޫލުން ފީ ދެއްކޭނެ އިންތިޒާ އަންނަ ސެޕްޓެމްބަރުމަހުން ފެށިގެން، ހަމަޖެހޭނެކަމަށް އެކޮލެޖުން ބުނެފިއެވެ.

މި ބަދަލާއެކު، ކުރިން ސެމިސްޓަރއަކަށް ނަގަމުން ދިޔަ ޖުމްލަ ފީ، މަހުން މަހަށް ދައްކާގޮތަށް ހަމަޖެހޭނެއެވެ. މީގެ ސަބަބުން ދަރިވަރުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަމަށް އެ ކޮލެޖުން ބުނެއެވެ. ވިލާކޮލެޖުން ވަނީ ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައެވެ.

ވިލާ ކޮލެޖްގެ ސެޕްޓެމްބަރުމަހުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ ފަސްދޮޅަސް ކޯހަކަށެވެ. މީގެތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވަލުން ފެށިގެން، މާސްޓަރސް ފެންވަރުގެ ކޯސްތަކެވެ. 

ވިލާ ކޮލެޖުން ބުނީ މި ކޯސްތަކުގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އާއި ޑިގްރީ ކޯސްތައް ހިމެނޭ ކަމަށެވެ. ސެޕްޓެމްބަރު މަހު ކޯސްތައް ފަށާއިރު، ކޯސްތަކަށް ފައިސާ ދެއްކުމުގައި ދަރިވަރުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެހޭނެ ކަމަށް ވިލާކޮލެޖުން ބުނެއެވެ.  

އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބް ވިދާޅުވީ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ކޯސް ހަދާ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިލާ ކޮލެޖުން ދަނީ ކެމްޕަސްތައް ޤާއިމްކޮށް ތަފާތު ކޯސްތައް ހިންގަމުންނެވެ. އެކޮލެޖުން ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އޯގަސްޓްމަހުގެ ނިޔަލަށް ހަމަވާނެކަމަށް އެކޮލެޖުން ބުނެއެވެ.