ދުނިޔެ

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް 103 މިލިއަން ޑޮލަރުގެ އެހީއެއް!!


ޗައިނާގެ ދެކުނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 103 މިލިއަން ޑޮލަރުގެ ކުއްލި އެހީ ޗައިނާ ސަރުކާރުން ފޯރުކޮށްދީފިއެވެ.

ޗައިނާ ސަރުކާރުން އެހީ ފޯރުކޮށްދީފައިވަނީ ހަތަރު ޕްރޮވިންސަކަށް ކަމަށް ޗައިނާގެ ސިވިލް އެފެއަރސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ސަރުކާރުންދޭ މާލީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ ޢާއިލާތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުނެއެވެ.

މާލީ އެހީތެރިކަމުގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ، ހާލުގައި ޖެހިފައިވާ މީހުން ތިބި ސަރަޙައްދުތަކަށް 3300 ޓެންޓު، 30،000 އަށްވުރެ ގިނަ ރަޖާ އަދި 24،000 އަށްވުރެ ގިނަ އެނދު އެ ސަރަހައްދުތަކަށް ފޮނުވާފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކި ހާދިސާތަކުގައި މިހާތަނަށް 33 މީހަކު މަރުވެފައިވާ ކަމަށް ޗައިނާގެ ސަރުކާރުން ހާމަކުރެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެސަރަޙައްދުތަކުގެ އެތައް ހާސް ބައެއް ވަނީ ބޯހިޔާވަހިކަން ގެއްލި ޙާލުގައި ޖެހިފައެވެ.

ޗައިނާގެ ދެކުނުގެ 60 ކޯރެއްގެ ފެންގަނޑު އުފުލި، ކޯރުތައް ބަންޑުން ޖަހާލަފާނޭކަމުގެ ނުރައްކާ އެބައޮތްކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ. އަދި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.

ހޫނު މޫސުމާ ދިމާކޮށް ޗައިނާގައި ކޮންމެ އަހަރަކު ވެސް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ޙާދިސާތައް ހިނގާކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.