ޚަބަރު

އިންޑޮނީޝިއާގެ އައު ސަފީރު ރައީސްއަށް ފަތްކޮޅު އަރުވައިފި


އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އައި ގުސްތީ ނިގްރަހް އަރްދިޔާސާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، އިންޑޮނީޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ދާއިރާއިންނާއި ތަރައްޤީގެ ދާއިރާއިން ރާއްޖެއާއި އިންޑޮނީޝިޔާއާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، މި ގުޅުން ވިޔަފާރީގެ ދާއިރާއިން ހަރުދަނާ ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން އިންޑޮނީޝިޔާގެ ފަރާތުން ލިބެމުންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14990857648925.jpg|އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައީސް ޔާމީންއަށް ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި އިންޑޮނީޝިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ދޭތެރޭގައި ގުޅުން ގާއިމުކުރި ފަހުން މިވީ 40 އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ އެކި ފަންތީގެ މައިދާންތަކުގައި، ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ދައުރުގައި، ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން އިތުރަށް ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް އިންޑޮނީޝިޔާގެ ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.