ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ހުޅުވާލުން


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށައެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ 5 ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ، 

1.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

2.މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

3.ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.

4.ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.

5.ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން.

ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދީ، ހޭލުންތެރިކަން އިތުރުކުރުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ޚާއްޞަ އިނާމަށް ނަން ހުށައަޅައި ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، މިއަހަރުގެ އޮގަސްޓު މަހުގެ 17ވާ ބުރާސްފަތި ދުވަހެވެ. ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.

މިއަހަރުވެސް ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.