ކުޅިވަރު

މިރޭގެ މެޗަކީ އެންމެ މުހިންމު މެޗު - މާޒިޔާގެ ކޯޗް


މިރޭގެ މެޗަކީ އެހެން ހުރިހާ މެޗަކަށް ވުރެއް މުހިންމު މެޗެއް ކަމަށް މަޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ޓީސީ ވާދަކުރާ މެޗުން މޮޅުވެގެން މާޒިޔާއަށް ޕްރިމިއާރ ލީގުގެ ޖާގައެއް ކަށަވަރުވާނެއެވެ. މިރޭގެ މެޗަށް ނިކުންނައިރު ލީގް ތާވަލްގެ އެއްވަނާގައި މާޒިޔާ އޮތީ 24 ޕޮއިންޓާއެކުއެވެ. އަދި ޓީސީ ލީގު ތާވަލްގެ ހަވަނާގައި އޮތީ 14 ޕޮއިންޓާއި އެކުއެވެ. މެޗަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މަޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުނީ މިއީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށެވެ. ލީގު ކާމިޔާބުކުރުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅުމާއި މިރޭގެ މެޗް ކާމިޔާބުކޮށް ޕްރިމިއާރ ލީގުގެ ޖާގައެއް ކަށަވަރު ކުރެވޭއިރު، މެޗްގެ މުހިންމުކަން މިހާރުވާނީ ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ރަނގަޅަށް ވިސްނައި ދީފަކަމަށް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ. 



"ލީގުގެ އެންމެ ފަހުކޮޅުގައި އަދި ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ކޮންމެ ޓީމަކާއި ދެކޮޅަށް ކުޅެން ޖެހުނު ކަމަށް ވީނަމަވެސް އުނދަގޫތަކެއް ހުންނާނެ. ޓީސީއާއި ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން" މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ.



ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ލީގުގައި ބާކީ ހުރީ ހުސް މަރުގެ މެޗްތަކެއްކަމަށެވެ. ލީގުގައި ޓީސީއަށް ބާކީ ހަތަރު މެޗް އޮތް އިރު، ގަދަ ހަތަރަކަށް ވަންނަން ބޭނުންވާކަމަށްވާނަމަ، އެންމެ މަދުވެގެން ތިން މެޗް ކާމިޔާބުކުރަންޖެހޭކަމަށް ނިޒާމް ބުންޏެވެ. ނިޒާމްބުނީ މިރޭގެ މެޗް އެއްވެސް ވަރަކަށް ފަސޭހަކޮށް ނުލާނެކަމަށާއި ކުޅުންތެރިންނަށްވެސް 100 ޕަސެޓް ދިނުމަށް އެދިފައިވާނެކަމަށެވެ.



ޓީސީ އާއި މާޒިޔާ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ޓީސީ ވާދަކުރާ މެޗުން ފެށުމަށް ހަމަޖެހިފައިވަނީ ނުވައެއް ޖަހާއިރުއެވެ. މިމެޗް ޔެސްޓީވީއިން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.