ކުޅިވަރު

ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން ޖަރުމަނު ހޯދައިފި


ފީފާ ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޖަރުމަނު ހޯދައިފިއެވެ. 

ޒުވާން ޓީމަކާއެކު މުބާރާތާ ކުރިމަތިލި ޖަރުމަނު މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީއާ ވާދަކޮށް މެޗު ކާމިޔާބުކޮށްގެންނެވެ. އެއްލަނޑު ސުންލަނޑުން ޖަރުމަނު މެޗު ކާމިޔާބުކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ވަރަށް ކުރީކޮލު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ސްޓިންޑިލްއެވެ. މިއީ ޗިލީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖަރުމަނުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ޗިލީއިން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ޗިލީގެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޖަރުމަނުގެ ކީޕަރ ޓާ ސްޓޭގަންއެވެ. 

img:http://s2.psmnews.mv/images/660x400/14990556277111.jpg|

މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑެން ބޯލް ލިބުނީ ޖަރުމަނުގެ ކެޕްޓަން ޑްރެކްސްލާއަށެވެ. އެންމެ މޮޅު ކީޕަރަށް ދޭ ގޯލްޑެން ގްލޯވް ލިބުނީ ޗިލީގެ ކީޕަރ ބްރާވޯއަށެވެ. އޭނާވަނީ ސެމީފައިނަލްގައި ޕޯޗްގަލްއިން ޖެހި ތިން ޕެނަލްޓީވެސް ދިފާޢުކޮށްފައެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ލިބުނީ ޖަރުމަނުގެ ޓިމޯ ވާނާއަށެވެ. އޭނާވަނީ މުބާރާތުގައި ތިން ގޯލް ޖަހާ ދެ ގޯލް ޖެހުމަށް މަގުފަހިކޮށްދީފައެވެ. ކޮންފެޑެރޭޝަންކަޕްގައި ޖަރުމަނުން ބޭނުންކޮށްފައިވަނީ ޒުވާން ޓީމެކެވެ. އެންމެ ފަހުގެ ވަރލްޑަކް ހޯދި ޓީމްގެ މުހިންމު ކުޅުންތެރިން މިފަހަރުގެ ސްކޮޑުން ފެނިފައެއް ނުވެއެވެ.

މުބާރާތުގެ ތިންވަނައަށް ދިޔައީ ޕޯޗްގަލްއެވެ.