ދުނިޔެ

ޔަމަނުގައި ދުވާލަކު 5000 މީހުންނަށް ކޮލެރާ ޖެހިގެން ރިޕޯޓްކުރޭ!!


ޔަމަނުގައި ފެތުރެމުންދާ ކޮލެރާގެ ބަލިމަޑުކަމުގެ ސަބަބުން މިހާތަނަށް 1500 މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފިއެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގައި ހުންނަވާ ޑަބްލިއު.އެޗް.އޯގެ މަންދޫބު ޑރ.ނީވިއޯ ޒަގާރިޔާ ވިދާޅުވީ، ޔަމަނުގެ 22 ޕްރޮވިންސްގެ ތެރެއިން 21 ޕްރޮވިންސެއްގައި، ހަލުވި ދުވެއްޔެއްގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެމުންދާކަމަށެވެ. މިހާތަނަށް މުޅި ޔަމަނުގައި ދެ ލައްކަ ސާޅީސް ހާސް މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވާކަމަށާއި، ދުވާލެއްގެ މައްޗަށް ފަސް ހާސް މީހުންނަށް ބަލި ޖެހޭކަމަށްވެސް ޑރ. ޒަގާރިޔާ ވިދާޅުވިއެވެ.

ޔަމަނުގައި ކޮލެރާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. އަދި މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ހަތަރު ބައި ކުޅަ އެއް ބަޔަކީ ވެސް ކުޑަކުދިންކަމަށް އެ ޖަމާއަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2015 ވަނަ އަހަރުގެ ފަހުން ޔަމަނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެގައުމުގެ ދިހަ ހާސް މީހުން މަރުވެ، ސާޅީސް ފަސް ހާސް މީހުން ވަނީ ޒަޚަމްވެފައެވެ.

ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ސައްބީސް މިލިއަން މީހުންގެ އަދާބާދީގެ ތެރެއިން އެގާރަ އިންސައްތަ މީހުން ވަނީ ހާލުގައި ޖެހިފައިކަމަށް އދ ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޢަރަބި ގައުމުތަކުގެ ތެރެއިން އެންމެ ފަޤީރު އެއް ގައުމު ކަމަށްވާ ޔަމަނު ވަނީ ހަނގުރާމައިގެ ސަބަބުން މުޅިހެން ސުންނާފަތިވެފައެވެ. ޙާއްސަކޮށް އެގައުމުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން، ސިއްޚީ ފަރުވާ ދިނުމުގެ ނިޒާމު މުޅިހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔަމަނުގައި ކޮލެރާ ފަދަ ބައްޔެއް ހަލުވި ކަމާއެކު ފެތުރެން މެދުވެރިވީ އެއް ސަބަބަކީ ވެސް އެއީކަމަށް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.