ސިޔާސީ

"އިތުބާރު ނެތްކަމުގެ ވޯޓަށް މެންބަރުންގެ އަދަދު ހަމައެއް ނުވާނެ"


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބޭނުންވާ އަދަދަށްއިދިކޮޅު ފަރާތްތަކަށް މެންބަރުން ހަމަނުވާނެކަމަށް ބާރަށު ދާއިރާއިރާގެ މެންބަރު އިބްރާހިމް ސުޖާޢު ވިދާޅުވެއްޖެއެވެ.

މެންބަރު ސުޖާޢު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅު ބައެއް ލީޑަރުން ސުޖާޢުގެ ނަމުގައި ދޮގު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ސުޖާޢުއާއި ޕީ.ޕީ.އެމްގެ ބައެއް މެންބަރުން އިދިކޮޅު ފަރާތްތަކާއި ގުޅުނުކަން ދޭހަވާ މޭރުމުން އިދިކޮޅު މެބަރުންވަނީ ސޯޝަލް މީޑިއާއާއި  މެދުވެރިކޮށް ވާހަކަތައް ފަތުރާފައެވެ.

tw:https://twitter.com/Mp_Shujau/status/880724731477020672

މިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕަކީ މެންބަރުން ގިނަ ޕީ.ޖީ ގްރޫޕެއްކަމަށާއި، ޕީ.ޕީ.އެމްގެ ކުރީގެ ޕީ.ޖީ ގްރޫޕްތަކާއި ޚިލާފަށް މިހާރު އެގްރޫޕްގައި މެންބަރުންގެ އަދަދު ގިނަކަމަށެވެ. އެގޮތުން ކޯލިޝަން މެންބަރުންނާއެކު 48 މެންބަރުން މިހާރުވެސް ތިއްބަވާކަމަށާއި، މިފަދަ ޕީ.ޖީ ގްރޫޕެއްގެ ތެރޭގައި އެކަކު ނުވަތަ ދެމީހަކު ހިންހަމަ ނުޖެހިގެން އުޅުމަކީ ވެދާނެކަމެއްކަމަށެވެ. ނަމަވެސް ޕީ.ޕީ.އެމް އަށް ނިސްބަތްވާ އެއްވެސް މެންބަރެއް އިދިކޮޅު ފަރާތްތަކާއި ގުޅޭނެކަމަށް ފާހަގަނުކުރެވޭނެކަމަށެވެ. ހުރިހާ މެންބަރުންވެސް ތިބީ ރައީސް ޔާމީނާއި، ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށްކަން މެންބަރުން ވަކިވަކިން ވިދާޅުވެފައިވާކަމަށް ފަލާހް ވިދާޅުވިއެވެ.42 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ވާހަކަ އަންނަނީ ފެތުރެމުންނެވެ. މިކަމާ ގުޅޭގޮތުން ފަލާހް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓުނަގާނެ ވާހަކަ މަޖިލީހުގެ މިދައުރު ފެށުނީއްސުރެ ދައްކަވާކަމަމުން ގެންދަވާކަމަށާއި، އެއީ އާވާހަކައެއްނޫން ކަމަށެވެ. ފަލާހް ވިދާޅުވީ މިފަހަރުވެސް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނާކާމިޔާބުވާނެކަމަށާއި، ޕީ.ޕީ.އެންގެ ޕާލިމެންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

އަންނަ ހަފްތާގައި މަޖިލިސް ހުޅުވޭދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން އެކަމުގެ ހަގީގަތް ހޯދުމަށް ޕީ.އެސް.އެމް ނިއުސްޓީމުން އިދިކޮޅު އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ގުޅަން މަސައްކަތް ކުރިނަމަވެސް އިބްރާހީމް މުޙައްމަދު ސޯލިހް ފޯނަށް ޖަވާބުނުދެއްވާތީ ވާހަކަދެކެވޭ ގޮތް ވަނީ ނުވެފައެވެ.