ސްކޫލް ތަކުގެ ލެބޯޓްރީތަކަށް ބޭނުންވާ ކެމިކަލާއި ބައެއް ސާމާނު ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވާ ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްކޫލްތަކުގައި ސައިންސް ކިޔަވާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމަށް ބޭނުންވާ ކެމިކަލާއި ލެބޯޓަރީ ސާމާނު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންވަނީ ދެހާސް ފަނަރަ ވަނަ އަހަރު ޚާއްސަ މަޝްރޫޢުއެއް ފަށާފައެވެ. މި މަޝްރޫޢު ފެށީ އެއަހަރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަތޮޅުތަކުގެ ސްކޫލްތަކަށް ކުރި ޒިޔާރަތުގައި، ސްކޫލްތަކުން އެންމެ ބޮޑުކަމަކަށް މިނިސްޓްރީގައި އެދިވަފައިވަނީ ސައިންސް ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ކެމިކަލާއި ލެބޯޓަރީއަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށްކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން މިހާތަނަށް ތަފާތު ލެވެލް ތަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫޢުގެ ތެރެއިން އަތޮޅުތަކުގެ ސްކޫލްތަކަށް ދެ ފަހަރެއްގެމަތިން ކެމިކަލާއި ލެބް ސާމާނު ފޮނުވާފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.
ސްކޫލްތަކުގެ ލެބޯޓްރީތަކަށް ބޭނުންވާ ކެމިކަލާއި ބައެއް ސާމާނު ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ތިން އަހަރުދުވަހު ތެރޭގައި ސްކޫލްތަކަށް ކެމިކަލާއި ލެބޯޓްރީ ސާމާނު ފޯރުކޮށްދީފައިވާއިރު ފިލާވަޅުތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ސީޑީއެއްވެސް ސްކޫލްތަކަށް ފޮނުވާފައިކަމަށް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. މި ސީޑީގެ އެހީގައި ސައިންސް ކިޔަވާ ކުދިންނަށް ފިލާވަޅުތަކާ ގުޅޭ ޢަމަލީ މަސައްކަތް ކުރިއަށްދާ ގޮތް އެނގިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޫލްތަކުގެ ލެބޯޓްރީތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ސްކޫލަތަކަށް ފޮނުވާ ކެމިކަލްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ރަނގަޅު ޢިމާރާތެއް ނެތުންކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިކަން ހައްލު ކުރުމަށްޓަކާ، ސްކޫލްތަކުގައި ކެމިކަލް ބަހައްޓާ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަކޮށް އެތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސްކޫލްތަކުގެ ސައިންސް މުޤައްރަރަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރުވަނީ ފޯރުކޮށްދީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލްތަކުގެ ލެބޯޓްރީ ސާމާނު އަދި ކެމިކަލް ފޯރުކޮށްދިނުމުގެ އިތުރު މަސައްކަތްތައް 2018 ވަނައަހަރު ފެށުމަށް ހަމަޖެހިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.