ކުޅިވަރު

11 ކުޅުންތެރިން މިއަދު ހަމަވެއްޖެ ނަމަ މެޗު ފެށޭނެ - ސުޒޭން


 މާލީ ގޮތުން ވިކްޓްރީ މިވަގުތު އޮތީ ވަރަށް ނުބައި ފައްތަރެއްގައިކަމަށާއި، މެޗާ ކުރިމަތިލާއިރު ޓީމު ހަމަވާނެ ކަމާމެދު ސުޒޭން ސުވާލު އުފައްދައިފިއެވެ. 

ލީގުގެ އެންމެ ވާދަވެރި މެޗްތަކާއި ކުރިމަތިލާއިރު، ވިކްޓްރީގެ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދިނުމާއި އަދި ކުލަބްގެ މެނޭޖްމަންޓްއިން ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ބައެއްކަހަލަ ކަންތަށްތަށްވެސް ކޮށްދީފައިނުވާކަމަށް ސުޒޭން ފާހަގަކުރިއެވެ. ރޯދަ މަހުގައި އެއްވެސް މެޗެއް ވިކްޓްރީއަށް ކުޅެން ނުޖެހުނުއިރު، ރޯދަ މަހުގައި ކުލަބުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައިވަނީ ވަރަށް މަދު ކުޅުންތެރިންތަކެއްކަމަށް ސުޒޭން ބުންޏެވެ.



 "މިހާރު އެންމެ ފުރަތަމަ ބަލާނީ މެޗަށް ފުރަތަމަ 11 ހަމަކުރަން. ދެން ދަނޑަށް ދާއިރު، އެތިބޭ ކުޅުންތެރިންގެ މައްޗަށް ބަލާފަ، ޓީމް ރޭވުން އޮންނާނީ. މިހާރު އެންމެ ބޮޑު ވިސްނުކަކީ 11 ކުޅުންތެރިން އެތަނަށް ދާނެބާއޭ. މީގެ ދެރޭ ކުރިން އަޅުގަނޑުމެން މާޒިޔާއާއި އެކު ރަޙްމަތްރިކަމުގެ މެޗެއް ކުޅުނިން. އެދުވަހު އަޅުގަނޑު ބޭނުން ކުރަން ޖެހުނީ އެއްވެސް މެޗްއެއްގައި ބޭނުން ނުކުރާ ބެންޗްގައި އިން ކުޅުންތެރިއެއް. ބަދަލްކޮށްލާން ކުޅުންތެރިއަކުވެސް ނެތް، މިހާލަތުގައި އޮތްއިރު، މެޗަށް ދާއިރު ކުޅުންތެރިން ހަމަވެއްޖެނަމަ، މެޗް ފެށޭނެ." ސުޒޭން ބުންޏެވެ.



އީގަލްސްގެ ކޯޗު އިހުސާން ބުނީ ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ބަލިފައިތަށް އެނގޭކަމަށާއި ވިކްޓްރީގެ ކުޅުންހަލާކުކޮށްލަން ކުރަންޖެހޭ ކަންތަށްތަށްވެސް އެނގޭކަމަށެވެ. އެސްޓީއޯ މާލޭ ލީގްގެ ދެވަނަ ބުރުގައި ކުލަބް އީގަލްސް އާއި ވިކްޓްރީ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗްގެ ކުރިން ސާންތި ބުނީ މިވަގުތު އީގަލްސް އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށެވެ. ވިދިވިދިގެން ތިން މޮޅުހޯދިއިރު، ލީގްގައި އެންމެ ބޮޑު ދެ ޓީމްކަމަށްވާ މާޒިޔާ އާއި ނިއު ރޭޑިއަންޓް ބަލިކުރުމަކީ އީގަލްސްގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސާންތި ބުންޏެވެ. 

އޭނާ ބުނީ ވިކްޓްރީއަކީ މުޅިން ތަފާތު ޓީމްއެއްކަމަށާއި، މިހާރުވެސް އީގަލްސްގެ ކުޅުންތެރިންނަށް އެކަންވިސްނައި ދީފައިވާނެކަމަށެވެ. 



"އަޅުގަނޑުމެން ވިކްޓްރީއާއި ދެކޮޅަށް ނިކުންނާއީ ވިކްޓްރީގެ ވަރުގަދަކަމާ، ބަލިކަންތަށްތަށްބަލާ، ހަލާކުކޮށްލަން ޖެހޭތަންތަށް ހަލާކޮށްލާ، އެކަމުން އީގަލްސްއަށް ފައިދާނެގެންހުރި ހުރިހާ ގޮތަކުން ފައިދާ ނެގޭގޮތަކަށް ވިސްނައިގެން. އެއީ އަޅުގަނޑުމެންގެ ގޭމް ޕްލޭނަކީ. ދެން ވިކްޓްރީއަކީ ދަށް ޓީމްއެއްކަމަށް އަޅުގަނޑުމެން ނުދެކެން، ނަމަވެސް އަޅުގަނޑުމެންނަށް އެބައެނގޭ ވިކްޓްރީގެ ބަލިތަންތަން، އޭގެ ފައިދާ އަޅުގަނޑުމެން ނަގާނީ." ސާންތީ ބުންޏެވެ.



މިމެޗްއަށް ނިކުންނައިރު ކުލަބް އީގަލްސް 16 ޕޮއިންޓްއާއިއެކު އޮތީ ލީގްގެ4 ވަނައިގައެވެ. އަދި 14 ޕޮއިންޓްއާއި އެކު ވިކްޓްރީ އޮތީ ލީގް ތާވަލްގެ 6 ވަނާގައެވެ.  މެޗު ފަށާނީ މިއަދު ހަވީރު 1600ގައެވެ.