ތަރައްްޤީ

އިންޑަސްޓްރިއަލް ޒޯނަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދެނީ


ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މަގުގެ މަސައްކަތް ނިމި ދެމަސްދުވަހުގެ ތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތް އިންޑަސްޓްރިއަލް ޒޯނަށް ލިބިގެންދާނެ ކަމަށް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވެއްޖެއެވެ. ތިލަފުށި އެކްސެސް ރޯޑުގެ މަސައްކަތް ކުރިއަށްގެންދަނީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލްކޮށްގެންނެވެ. މިމަގުގެ މަސައްކަތް ނިމޭއިރު މި މަގަކީ އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރެވިފައިވާ މަގަކަށް ވެގެންދާނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ހިއްކާފައިވަނީ 45 ފޫޓު ފުޅާ ބޮޑު މަގެކެވެ. ވެލި އަޅައިގެން ހިއްކާފައިވާ މި އެކްސެސް ރޯޑް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ތާރު އެޅި މަގެއްގެ ގޮތުގައެވެ.

ނާސިފް ވިދާޅުވީ މިފަދަ ތަނަވަސް މަގެއް ތަރައްޤީ ކުރުމުގެ މަޤްސަދަކީ ބިން ކުއްޔައްނަގާ ވިޔަފާރިވެރިން ބޭނުންވާފަދަ ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ. އަދި މި މަގުގެ ސަބަބުން ތިލަފުށީގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް އިތުރަށް ޝައުގުވެރިކުރެވިގެން ދާނެކަން ފާހަގަކުރެއްވިއެވެ.

އެކްސެސް ރޯޑްގެ އިތުރުން ތިލަފުށީގެ އެހެން މަގުތަކުގެ މަސައްކަތްވެސް ތިލަފުށި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން މަގުތައް ހަލާކުވުމުގެ ސަބަބުން ދުއްވާ އުޅަނދުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަގުތައް އެއްވަރު ކުރުމާއި، ވެލިގަނޑު ހަމަޖެއްސުމާއި އަދި ވިއްސާރައިގެ ސަބަބުން މަގުގައި ހެދޭ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.